މަސް ކިލޯއެއް 20 ރުފިޔާއަށް ގަތުމުގެ ވައުދު މި ދައުރުގެ ތެރޭގައި ފުއްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، މިފްކޯ ހަރުދަނާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން މިފްކޯގެ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ، ވަސީލަތްތައް ފުރިހަމަކުރެވުމުން މަސް ކިލޯއެއް 20 ރުފިޔާއަށް ހެދޭނެ ކަމަށެވެ. ރައީސް ވިދާޅުވީ، މަސްވެރިކަން ޕްރައިވެޓް ސެކްޓާއަށް އެއްކޮށް ދޫކޮށްލުމަކީ، ބަހުސްކުރެވިދާނެ ކަމެއް ކަމަށެވެ.

ސަރުކާރުން މިހާރު އަންނަނީ 48 ގަޑިއިރު ތެރޭގައި މަސްވެރިން ކިރުވި މަހަށް ފައިސާ ދެމުންނެވެ. މިފްކޯއިން މިހާރު މަސްވެރިންގެ އަތުން މަސް ގަންނަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ މިންވަރަށް ރިއާޔަތްކޮށްގެންނެވެ.