އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާއަށް އެއްވެސް އިރެއްގައި އިންޒާރު ދެއްވާފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އަސާސަކީ ރޫލް އޮފް ލޯ ކަމަށާއި ގާނޫނު އަސާސީއާ އެއްގޮތަށް އުޅުމަކީ އިންޒާރެއް ކަމަށް ވަނީ ނަމަ އަބަދުވެސް އުޅެން ޖެހޭނީ އިންޒާރެއްގެ ތެރޭގައި ކަމަށެވެ.

ރައީސް ވަނީ ފިޔާޒަށް ގުޅުއްވައި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ އިންޒާރެއް ދެއްވާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ފިޔާޒަށް އިންޒާރު ދިން މައްސަލަ އޭނާގެ ފަރާތުން ފުލުހުންނަށްވެސް ހުށަހެޅިއެވެ. ނަމަވެސް ފުލުހުން ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައިފައެވެ.