ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން، މަގާމުން ވަކިކުރެއްވުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އެހެން ވިދާޅުވެފައިވަނީ، މިނިސްޓަރު އިހުސާން މަގާމުން ވަކިކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
"[އިހުސާން ވަކިކުރުމުގެ ވިސްނުމެއް] ނެތް. އިހުސާންއާ ހަވާލުކޮށްފައިވަނީ ވަރަށް ބައިވަރު ޒިންމާތަކެއް. ކުރިން ވެސް އަޅުގަނޑު ވަރަށް ގިނައިން ފާހަގަކޮށްފިން އިންޓެގްރިޓީގެ އިޝޫއެއް އަޅުގަނޑު އައްޔަންކޮށްފައި ހުރި އެއްވެސް މީހެއްގެ ކިބައިން ފެނިއްޖެއްޔާ ވަކިކުރާނަމޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނަތީޖާ ނެރުމުގައި އެ މަނިކުފާނުގެ އެކްސްޕެކްޓޭޝަނަށް މަސައްކަތްނުކުރާ ބޭފުޅެއް ވެއްޖެއްޔާ އެ ބޭފުޅަކު މަގާމުން ވަކިކުރައްވާނެ ކަމަށާއި ނަމަވެސް އިހުސާންއާ މެދު އަދި އެފަދަ ކަމެއް ދިމާވެފައިނުވާ ކަމަށެވެ. އަދި ޕީއެންސީގެ ފޯމުތަކުގައި މައްސަލައިގައި ވެސް މިނިސްޓަރު އިހުސާން، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"ދެންމެ ތި ފާހަގަކުރި ފީއެންސީގެ ފޯމު ކަންތަކުގައި މަޖިލީހުގައި ވަރަށް ތަފުސީލުކޮށް ހުރިހާ ވާހަކައެއް ކިޔައިދީފައި އޮތް މައްސަލައެއް ތިއީ. ދެން ވެސް އެކަމުގައި އިޝޫއެއް އުޅެންޏާ، ނިޒާމުގެ ތެރެއިން މަޖިލީހުގައި ތިއްބެވި އެކަން ގަބޫލުނުކުރައްވާ ބޭފުޅުންނަށް މައްސަލަ ބެލޭނެ އަދިވެސް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބެލޭ މައްސަލައެއްގެ ތެރެއިން ކުށްވެރިވާ މީހުންގެ ތެރެއިން ސަރުކާރުގެ މަގާމެއްގައި ހުރި ބޭފުޅެއް ވެއްޖެއްޔާ އެބޭފުޅަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު