ޖެނުއަރީ އެކެއް 2007 އިން ފެށިގެން އުފަންވެފައިވާ އެންމެންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު އިސްލާހު ކުރުމަށް ފޮނުވި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބިލް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެއިން 61 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ބިލު ބަލައި ނުގަތުމަށް ވޯޓު ދެއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެކަންޏެވެ.

ބިލް ބަލައި ގަތުމަށްފަހު ދިރާސާ ކުރުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުވަން ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވިއެވެ. ތާއީދު ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ.

ޖަލްސާގައި ތިއްްބެވި، 68 މެންބަރުންގެ ތެރެއިން އެ ހުށަހެޅުން ފާސްކުރަން ވޯޓު ދެއްްވީ 68 މެންބަރުންނެވެ. އެކަމާ ދެކޮޅަށް ދެ މެންބަރުން ވޯޓު ދެއްވިއެވެ.

އެގޮތަށް ފާސްވުމުން އެ ކޮމިޓީގައި ތިއްބަވާ މެންބަރުންގެ ލިސްޓެއް ހުށަހެޅުމަށް ފުރުސަތު ހުޅުވައިލެއްވިއެވެ.

އެ ކޮމިޓީގައި ހިމަނަންޖެހޭ ހަތް މެންބަރުންގެ ނަން ހުށަހެޅުއްވީ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތާއީދު ކުރައްވައިގެން އެ ހުށަހެޅުން ފާސްކުރިއެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންވަރުން:

  • މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް
  • ކާށިދޫ ދާއިރާގެ މެންބަރު މުންތަސިމް އިބްރާހިމް
  • ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން
  • ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު
  • ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު
  • ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާށް
  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް

ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް ހުށަހެޅުއްވި މި ބިލުގެ ބޭނުމެއް ކަމަށް ބިލްގައި ބުނެފައިވަނީ، 2007 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ ފަރާތްތަައް، ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓުވުން ކަމަށެވެ.

މި ގާނޫނުުގެ ހަ ވަނަ މާއްދާގައި މިހާރު އޮންނަނީ، ދުންފަތުގެ އެއްްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް، 21 އަހަރުން ދަށުގެ މީހަކަށް ނުވަތަ ކުޑަ ކުއްޖަކަށް ވިއްކައިގެން ނުވާނެ ކަމަށެވެ.

ނަމަވެެސް މަޖިލީހަށް ފޮނުވާފައިވާ ބިލުން އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، އެކެއް ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް ފަރާތަކުން ދުންފަތުގެ ބާާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އިސްތިއުމާލް ކޮށްގެން ނުވާނެ ކަމަށެވެ. އެފަދަ ކަމެއް ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ދުންފަުގެ އެއްވެސް ބާވަތެއް އަދި އުފެއްދުމެއް އެފަދަ ފަރާތަަކަށް ވިއްކުމަކީ މަނާކަމެއް ކަމަށްވެސް ހިމަނާފައިވެއެވެ. އެއާއެކު 21 އަހަރުންދަށުގެެ އެއްވެސް ފަރާތަކަށް އެފަދަ އެއްޗެއް ވިއްކުމަކީ މަނާކަމެއްް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ދުންފަތުގެ ބާވަތްތައް ވިއްކުމަށް ރަޖިސްޓްރީކޮށް، އެ ބާވަތްތައް ވިއްކުމުގެ ލައިސަންސް އޮތް ފަރާތަކުން ނޫނީ، ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށާއި ގަންނަނީ ކާކުކަން ނޭނގޭ އެއްވެސް ފަރާތަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.

ވިއްކުމުގެ ހުއްދަ އޮތް ފަރާތަކުންވެސް ދުންފަތުގެ ބާވަތެއް ވިއްކަންވާނީ، އެ ގަންނަ ފަރާތަކީ ދުންފަތުގެ ބާވަތްތައް ވިއްކުން ގާނޫނުން މަނާކޮށްފައިނުވާ ފަރާތެއްތޯ ކަށަވަރު ކުރުމަށް، އައިޑީކާޑު ނުވަތަ އެމީއެއްގެ އުމުރުން އަންގައިދޭ ރަސްމީ ލިއުމެއް ދެއްކުމުން ކަމަށްވެސް ބުނެފައިވެއެވެ.

އިތުރު މާއްދާއެއްގެ ގޮތުގައި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަ ކޮށްފައިވާ މެޝިނަރީ އާއި އާލާތްތައް ރާއްޖެ އެތެރެކުރުން ހިމެނުމަށްވެސް މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.

އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ގެންގުޅުމުގެ އިތުރުން ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

މި ބިލުގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެކަންކަަމަށް ބޭނުންކުރާ އާލަންތައް ގެންގުޅޭ މީހުގެ އަތުން އަތުލުމާއި އެތަކެތި ނައްތާލުމުގެ އިޖުރާއައްތައް ވަނީ ބަޔާންކޮށްފައެވެ.

މީހާގެ އުމުރާއި ކާކުކަން އަންގައިދޭ އައިޑީކާޑު ފަދަ ރަސްމީ ލިއުމެއް ބެލުމަށްފަހު، ގާނޫނު ހުއްދަ ކުރާ ފަރާތަަކަށް ނޫނީ ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމަށް ލާޒިމްކޮށްފައިވެސް މި ބިލުގައިވެއެވެ.

ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާގެ ގޮތުގައި މާއްދާއެއް އިތުރުކުރުކޮށް ބިލުގައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް، ދުންފަތުގެ ބާވަތްތައް ވިއްކުމަށް ރަޖިސްޓްރީކޮށް، އެ ބާވަތްތައް ވިއްކުމުގެ ލައިސަންސް އޮތް ތަނަކުން ނޫނީ ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށް ހިމަނައިފައެވެ.

ގަންނަނީ ކާކުކަން ނޭނގޭ ގޮތަށް، ވެންޑިން މެޝިނަކުން، ނުވަތަ ޕޯސްޓްގެ ޒަރީއާއިން ނުވަތަ އޮންލަންކޮށް އަދި އެނޫންވެސް އަމިއްލައަށް ލިބިގަންނަ ހިދުމަތަކަށްވާ ގޮތަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ލިބިފައިވާ ތަނަކުންވެސް އެ ބާވަތެއް ނުވަތަ އުފެއްދުމެއް ވިއްކާއިރު، އެ ގަންނަ މީހަކީ، ދުންފަތުގެ ބާވަތްތައް ގަތުމަށް މިގާނޫނުން މަނާކޮށްފައިވާ ފަރާތެއް ނޫންކަން ޔަގީން ކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް ބުނެފައިވެއެވެ.

"ދުންފަތުގެ ބާވަތް ގަންނަ ފަރާތަކީ އެފަދަ ފަރާތެއް ކަމަށް ބެލެވޭނަމަ، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ، އެ ފަރާތުގެ އުމުރު އަންގައިދޭ އެނޫންވެސް ސައްހަ ރަސްމީ ލިއުމެއް ދެއްކުމަށް އަންގައި، އެ ލިއުން އެފަރާތުން ދެއްކުމަށްފަހު މެނުވީ ދުންފަތުގެ ބާވަތެއް ވިއްކައިގެންނުވާނެ،" ބިލުގައިވެއެވެ.