ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، ދުންފަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވި ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގަށް މަރުގެ އިންޒާރު ދިން މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވައިފިއެވެ.

މީހާގެ އުމުރާއި ކާކުކަން އަންގައިދޭ އައިޑީކާޑު ފަދަ ރަސްމީ ލިއުމެއް ބެލުމަށްފަހު، ގާނޫނު ހުއްދަ ކުރާ ފަރާތަަކަށް ނޫނީ ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމުގެެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފައެވެ.

ސަރުކާރުގެ ފަރާތުން ފޮނުވި، އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މެންބަރު އަޝްރަގެވެ.

އެބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ އެ އިންޒާރުތައް ދީފައިވަނީ، އެ ބިލާ ބެހޭގޮތުން ނޫހެއްގައި ޝާއިއުކުރި ހެޑްލައިންއަކާ ގުޅިގެން ކަމަށެވެ.

ނަަމަވެސް އެއީ ކޮން ނޫހެއް ކަމެއް ވިދާޅެއްނުވެއެވެ.

އޭނާ ވިދާޅުވީ އެ ހެޑްލައިންގެ ސަބަބުން މެންބަރު އަޝްރަގްގެ އިތުރުން އާއިލާއަށްވެސް ސޯޝަލް މީޑިޔާގައި މަރުގެ އިންޒާރުތައް ދެމުން ދާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މީޑިއާގެ މިނިވަންކަން އޮންނަ ކަމަށެވެ. ހަމަ އެއާއެކު ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ނަމަވެސް އެ މިނިވަންކަމުގެ ބޭނުން ހިފުމުގައި، ހައްދެއް، އިމެއް، ހުދޫދެއް އޮންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އަނެކާގެ ދިރިއުޅުމުގެ ހައްގާއި ދިރި ހުރުމުގެ ހައްގާއި އަބުރު ގެއްލިގެންދާ ހާލަތަށް، އެފަދަ ކަންކަން ގޮސްގެންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެފަދަ ކަންކަން ހުއްޓުވުމަށް ގާނޫނުއަސާސީންނާއި ގާނޫނުން ޒިންމާ މަތިކޮށްފައިވާ ފަރާތްތަކުން އެކަންކަން ހުއްޓުވަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެފަރާތްތަކަށް ކަންތައް ނުކުރެވޭނަމަ، ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ބަަލުގެނެސްގެންވެސް އެކަން ހުއްޓުވަން ޖެހޭ ކަމަށްވެސް ހުސްނީ މުބާރިކް ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިމް ވެސް ވިދާޅުވީ، މެންބަރަކު މަޖިލީހަށް ހުށަހަޅާ ބިލަކާ ގުޅިގެން މެންބަރަށް އިންޒާރު ދިނުން ރަނގަޅު ނޫން ކަމަށެވެ.

އެ ބިލެއްގައި ރައްޔިތުން ކަންބޮޑުވާކަމެއް ހިމެނޭނަމަ، މެންބަރުންނާ ހިއްސާ ކުރެއްވުުމުން ކޮމެޓީ މަރުހަލާގައި މަޝްވަރާކޮށް އެ އިސްލާގެ ބިލަށް ގެނައުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.