އެންމެ ނުބައި މީހަކީ، އެ މީހެއްގެ ގައުމު ހަރާބުކޮށް، ސަލާމަތްކަން ނަގާލައި އަމިއްލަ މީހުންނާ ހަނގުރާމަކުރާ މީހާ ކަމަށް، މަދީނާގެ ހަރަމްފުޅުގެ އިމާމު އަދި ހަތީބު ޝައިހު ޑރ. ސަލާހުލް ބުދައިރު ދެއްވި ހުތުބާގައި ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ދެއްވި ހުކުރު ހުތުބާގައި އިމާމު ސަލާހު ވިދާޅުވީ ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުބަހުން މުހާތަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާދީ އުޅޭ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ވެސް ގައުމު އެއްގަލަކަށް ނޭރުވޭނެ ކަމަށެވެ.

"އެންމެ ނުބައި މީހަކީ، އެ މީހެއްގެ ގައުމު ހަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާއެވެ. ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެއެވެ..،" ސަލާހު ވިދާޅުވިއެވެ.

އިމާމު ސަލާހު ވިދާޅުވީ ފުރެދުމާއި، ފަސާދައާއި، އިލްހާދަށް ގޮވާލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާ މެދު ބިރުވެތިވާން ޖެހޭ ކަމަށެވެ. އަދި ހިކުމަތްތެރިކަމާއި މެދުމިނުގައި ހިފަހެއްޓުމަށް ސަލާހު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މާތް ސިފަތަކުގެ ސަބަބުން އެއާ އެއްފަދަ ހެޔޮ ޖަޒާ، މާތްﷲ ދެއްވަވާނެ ކަމަށާއި އެ ކަލާނގެ އަޅުތަކުންނަށް ހެޔޮކޮށް ހިތާ މީހުންނަށް ހެޔޮކޮށް ހިތްތަވާނެ ކަމަށް އިމާމު ސަލާހުގެ ހުތުބާގައި ވިދާޅުވިއެވެ.

"މީހަކު އެހެން މީހުންގެ އަބުރަށް އަރައިގަނެ ފަޟީހަތްކުރުމާއިގެން ތެދުވެއްޖެނަމަ މާތްﷲ އެމީހަކު ފަޟީހަތްކުރައްވާހުއްޓެވެ. އެހެން މީހަކަށް ހެޔޮކަމެއް ލިބޭން ނޭދޭ މީހާ ހެޔޮކަމުން މަހުރޫމުކުރައްވަތެވެ. މީހަކަށް ދަތިކޮށްފި މީހާއަށް ދަތިކުރައްވާހުއްޓެވެ. އެހެން މީހަކަށް މަކަރު ހަދައި ކެހިދީފި މީހަކަށް އެކަމާ އެއްފަދަ ސަޒާ ދެއްވާހުއްޓެވެ. އަޅާ މީހަކާ މުއާމަލާކުރާ ގޮތަކަށް، ދުނިޔެއާއި އާހިރަތުގައި ވެސް މާތްﷲ އޭނާއާ މުއާމަލާ ކުރައްވާހުއްޓެވެ..،" ސަލާހު ވިދާޅުވިއެވެ.

ސަލާހުގެ ހުތުބާގައި އިތުރަށް ވިދާޅުވީ ﷲ ތައާލާ އެންމެ ރުހިވޮޑިގެންވާ އަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަމެއް ގެނެސްދިނުން ކަމަށާއި އެހެން މީހަކަށް ޖެހިފައިވާ ކަމެއް ކޮށްދޭން މަސައްކަތްކުރުން މަސްޖިދުއްނަބަވީގައި އިއުތިކާފަށް އިނުމަށްވުރެ މާ ހެޔޮކަން ބޮޑު ކަމަށެވެ. އަދި މުސްލިމުންނަށް އުނދަގޫކޮށް، އެ މީހުންގެ މައްޗަށް ބާތިލު ތުހުމަތުތައްކޮށް، ދޮގު ބުހުތާން ވާހަކަތައް ނުފެތުރުމަށް އިމާމު ސަލާހު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.