މިދިޔަ ހުކުރު ދުވަހުގެ ހެނދުނު މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާއަށް އިންސާފު ހޯދައިދޭން ގޮވާލައި މާލޭގައި މިރޭ މުޒާހަރާކޮށްފިއެވެ.

ހައްވާ ޔުމްނާ، 21އ، ފުރާޅުގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނެވެ. އޭނާއަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައިވާ ގޮތުން ޔުމްނާ އާއެކު ބުރާސްފަތި ދުވަހުގެ ރޭ ހަތް މީހަކު ހަރަކާތްތެރިވި އެވެ. އެއީ ޔުމްނާގެ އިތުރުން ދެ އަންހެނަކާއި ފަސް ފިރިހެނެކެވެ. އެ ގްރޫޕު އެ ރޭ ފުރަތަމަ ދިޔައީ 'މާލޭގެ މެދުތެރޭގައި' ހުރި ގެއަކަށް ކަމަށް ފުލުހުން ބުނެ އެވެ.

އެ ގޭގެ ނަން ފުލުހުން ހާމަނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި އެ މީހުން ފުރަތަމަ ތިބި ގެއަކީ، މއ. މާންދޫގެ ދެކުނުގެ އެވެ. ފުލުހުން ބުނާ ގޮތުން ޔުމްނާ ވެއްޓުނީ ގ. ފެންޓޯނީގެ ނުވަވަނަ ބުރިން އެގެއާ ޖެހިގެން ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށެވެ.

ޔުމްނާ ވެއްޓުނު ކަމަށް ބުނާ ހާދިސާގައި ޝާމިލުވާ މީހުން ހައްޔަރު ނުކޮށް، އެ މީހުންގެ ވަނަވަރުތައް ފުލުހުން ސިއްރު ކުރާތީ އެކަމަކީ އެ މީހުންނަށް ހިމާޔަތްކުރަން ކުރަމުންދާ ކަމެއް ކަމަށް ތުހުމަތުކޮށް މިރޭ މުޒާހަރާކޮށްފައިވަނީ މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ސަރަހައްދުގައެވެ.

އެ ސަރަހައްދުން ގިނައިން ފެނުނީ ޒުވާނުންނެވެ. ސިޔާސީ ބައެއް ފަރާތްތަކުންވެސް މުޒާހަރާގައި ބައިވެރިވި އިރު، އެ ސަރަހައްދުގައި އިދިކޮޅު އެމްޑީޕީންވެސް މުޒާހަރާކުރި އެވެ. ނަމަވެސް އެ މީހުންނަށް މުޒާހަރާ ކުރާ ތަނަށް ނުވަދެވޭ ގޮތަށް ފުލުހުން ތިބީ ބެރިކޭޑް ޖަހައިގެންނެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ އަނިޔާވި ޒުވާނާއަށް އިންސާާފު ހޯދައިދީ އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށެވެ. އަދި ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރަމުން އަންނަ ގޮތަށް ވަރަށް ބޮޑަށް ފާޑުކިއެވެ. މުޒާހަރާ އަދިވެސް ކުރިއަށްދާއިރު ބައިވެރިން ބުނަމުންދަނީ އިންސާފު ނުލިބެނީސް ގެއަށް ނުދާނެ ކަމަށެވެ.