އިސްރާއީލުގެ މެދުތެރޭ ސަރަހައްދުގައި އަލިފާން ރޯވެ ފެތުރެން ފަށައިފިއެވެ.

އިސްރާއީލުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެއިން ފެށިގެން އަލިފާން ރޯވެ ފެތުރެމުން ދަނީ އެގައުމުގެ މެދުތެރޭ ސަރަހައްދެއްގަ އެވެ.

އިސްރާއީލުގެ ވެރިރަށް ކަމަށް ދައުވާކުރާ ޖެރޫސަލަމްގެ އެއް ނަންބަރު ހައިވޭ ހިމެނޭ ސަރަހައްދުން ފެށިގެން އެ ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރެމުން އަންނައިރު އަލިފާން ނިއްވުމަށް އެ ގައުމުގެ ފަޔަރ ފައިޓަރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އިސްރާއީލުގެ ފަޔަރ އެންޑް ރެސްކިއު އިން އެ އަލިފާންގަނޑު ނިއްވާލަން މަސައްކަތް ކުރަމުން އަންނަ އިރު މިހާތަނަށް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ތިން މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

އަލިފާން ރޯވުމާއެކު އެ އަލިފާން ފެތުރޭނެކަން ބެލެވޭ ސަރަހައްދުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ގައުމު ވަނީ އެލާޓަށް ގެނެސްފައެެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަލިފާން ރޯވި ސަރަހައްދަށް ވަޑައިގެން އެތަންތަނުގައި ހަރަކާތްތެރިވާ ކޮމާންޑު ސެންޓަރުން މައުލޫމާތު ހޯއްދަވައިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.