މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން ވެއްޓުނު އަންހެން މީހާ އެންމެ ފަހުން ވަން ގެއަށް އޭނާއާއެކު ވަން ފިރިހެން މީހާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް، 21 އަހަރުގެ އެ ޒުވާނާ ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. އޭނާގެ ހާލު ދެރަވެ ވެންޓިލޭޓަރަށް ލާފައިވަނީ ޖެހިގެން އައި ދުވަހުއެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން މިރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ހާދިސާއާ ގުޅޭ ބައެއް ސީސީޓީވީ ފޫޓޭޖުތައް ދައްކާލައި ބައެއް މައުލޫމާތުތައް ހިއްސާކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ ހައްވާ ޔުމްނާ، 21އ އެވެ.
ފުލުހުން ބުނި ގޮތުގައި، އަނިޔާވި އަންހެން ކުއްޖާ ހިމެނޭހެން އަށް މީހުން (ތިން އަންހެނުން، ފަސް ފިރިހެނުން) މާލޭގެ މެދުގައި ހުރި ގެއަކަށް ގޮސް އެ ގެއިން 18 ވަނަ ދުވަހުގެ ރޭގަނޑު 12:00-12:30 އާ ދެމެދު ނުކުމެއެވެ. އަދި އެ މީހުން ނުކުމެގެން އޭގެ ތެރެއިން ހަތަރު މީހުން އަމީނީ މަގުން ހެންވޭރުކޮޅުގައި ހުރި ގެއަކަށް ދާ ކަމަށް ފުލުހުން ބުންޏެވެ. އެ ގެއަށް ގޮސްފައިވަނީ އަނިޔާވި އަންހެން މީހާއާއި ތިން ފިރިހެނުން ކަމަށާއި އޭގެ ތެރެއިން ދެ ފިރިހެނުން އެ ގެއަށް ދިޔައީ ސައިކަލުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އަނިޔާވި އަންހެން މީހާއާއި ދެން ހުރި ފިރިހެން މީހާ ހިނގާފައި ގޮސް އެގެއަށް ވަދެ، އެ ގޭގައި އެ ދުވަހުގެ ހަވީރު 4:30 ވަންދެން ތިބި ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ފަހުގައި އެ ގެއަށް ދިޔަ އަންހެން މީހާއާއި ފިރިހެން މީހާ ހިނގާފައި ގޮސް ބުރުޒު މަގުގައި ހުންނަ ގެއަކަށް ވަންނަ ކަމަށް ފުލުހުން ބުންޏެވެ. އެއީ އަންހެން މީހާ ވެއްޓުނު ގެއެވެ. ފުލުހުން ބުނި ގޮތުގައި އެ ގެއަށް އެ ދެ މީހުން ވަން އިރުވެސް ހުރީ މަސްތުގެ ހާލަތުގައެވެ. އެކަން އަމަލުންވެސް އެނގޭ ކަމަށް ބުންޏެވެ. އަދި އެ ގެއަށް ވަދެ، ސިޑިން 9 ވަނަ ފްލޯއާ ހަމައަށް އަރައި އެ ތަނުގައި ވަގުތުތަކެއް ހޭދަަވި ކަމަށް ފުލުހުން ބުންޏެވެ.
"އެ މީހުން ބޮޑަށް ހަރަކާތްތެރިވެފައިވަނީ 7،8،9 ވަނަ ފްލޯގައި" ފުލުހުން ބުންޏެވެ،
ފުލުހުން ބުނީ އަންހެން މީހާ ވެއްޓުނީ 9 ވަނަ ފްލޯގެ ވައިގޮޅިން ކަމަށާއި އެއިރު އޭނާއާއެކު އެ ގެއަށް ވަން ފިރިހެން މީހާ ހުރީ އެހެން ފްލޯއެއްގައި ކަމަށެވެ. އެހެންކަމުން އެއީ އޭނާގެ ބައިވެރިވުން އޮވެގެން ވީކަމެއް ނޫން ކަމުގައި ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ ފިރިހެން މީހާއަކީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ މަސްތުވާތަކެތީގެ ދާއިމީ ނަތީޖާ ކެބިނިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާގެ ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ، އަންހެން ކުއްޖާ "ރޭޕް" ކުރި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް އަންހެން ކުއްޖާއަށް ޖިންސީ ގޯނާއެއް ކޮށްފައިވޭތޯ ބެލުމަށް ހެދި ޓެސްޓުތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް