މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ޖީއެސްޓީ ނުދައްކާ 146 ފަރާތެއްގެ ނަން މޯލްޑިވްސް އިންލޭންޑް އެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އާންމުކޮށްފިއެވެ.

މީރާއިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ އެ 146 ފަރާތްތަކަކީ ޓެކްސްގެ ގޮތުގައި 600،000 އަށްވުރެ މަތި އަދަދެއް މީރާއަށް ދައްކަންޖެހި ނުދައްކައިވާ ފަރާތްތަތައް ކަމަށެވެ.

ނަމަވެސް އެ ފަރާތްތަކުން ވަކިވަކިން ދައްކަންޖެހޭ ޓެކްސްގެ އަދަދެއް މީރާއިން ހާމައެއް ނުކުރެއެވެ. އެ ހުރިހާ ފަރާތްތަކުން ޖުމުލަ ދައްކަންޖެހޭ ޓެކްސް ފައިސާގެ އަދަދު 87.6 މިލިއަން ރުފިޔާއަށް އަރާނެއެވެ.

https://www.mira.gov.mv/extended/NonCompliers

ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން އިއުލާންކުރަނީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުންނެވެ.

ނަން ހާމަކުރުމުގެ ލިޔުމުންނާއި ފޯނުން އެ ފަރާތްތަކަށް ޓެކްސް ދައްކަން އަންގައި މީރާއިން ނޯޓިސް ފޮނުވައި ފައިސާ ދެއްކުމަށް އިތުރު މުއްދަތެއްދެއެވެ.

އެއްފަހަރާ ފައިސާ ދެއްކެން ނުހުންނަ ފަރާތްތަކަށް އިންސްޓޯލްމެންޓް އުސޫލުން އެ ފައިސާ ދެއްކޭނެ އިންތިޒާމުވެސް މީރާއިން ހަމަޖައްސައިދެއެވެ.

ޓެކްސް ނުދައްކާ ފަރާތެއްގެ ގޮތުގައި ނަން އާންމުކުރަނީ އެއަށްފަހުވެސް ފައިސާ ނުދައްކާނަމައެވެ.