ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗުގެ ދަސްވެނިވުން ބާއްވާއިފިއެވެ.
އިއްޔެގެ ވަގުތެއްގައި ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި އެ ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދެވެ.
ޔޫތު މިނިސްޓްރީން ބުނީ ދެވަނަ ބެޗުގައި ޖުމުލަ 32 ބައިވެރިން ދަސްވެނިވެފައިވާ ކަމަށާއި އެ ބެޗުގައި ތަމްރީނު ދިން ދާއިރާތަކަކީ، ފްރޮންޓް އޮފިސް، ހައުސްކީޕިން، ކޮމާޝަލް ކުކަރީ، ޕޭސްޓްރީ އެންޑް ބޭކަރީ، ލައިފް ގާޑިން، އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެއިންސް، ފުޑް އެންޑް ބެވަރޭޖް ސާވިސަސް ކަމަށެވެ.
އެ ޕްރޮގްރާމްތައް ހިންގާފައިވަނީ ޝެރަޓަން މޯލްޑިވްސް، ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް، ލެ މެރިޑިއަން މޯލްޑިވްސް، ރިޓްސް ކާރްލްޓޮން މޯލްޑިވްސް، އެސްޓީ ރެގިސް މޯލްޑިވްސް، ޑަބްލިއު މޯލްޑިވްސް އަދި ވެސްޓިން މޯލްޑިވްސްގައި ކަމަށްވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.
ޔޫތު މިނިސްޓްރީން އިތުރަށް ބުނީ، ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ 2024ގެ ފުރަތަމަ ބެޗްގެ ބައިވެރިންނަށް އެ އަހަރުގެ މާޗް މަހު، 43 ޒުވާނުންނަށް ވަޒީފާ ޔަގީންވެފައިވާ ކަމަށެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.
އެ ޕްރޮގްރާމްތައް ހިންގަނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑާޑްތަކާ އެއްގޮތަށެވެ. އެ ޕްރޮގުރާމުގެ ބައިވެރިންނަށް މަހުން މަހަށް ދޭ އެލަވަންސާއި ކެއުމާއި ހުރުން ވެސް ހަމަޖެހިގެންދާ އިރު، ޕްރޮގްރާމް ނިމުމުން ގްރެޖުއޭޓުވާ ފަރާތްތަކަށް އެމްއެންއެސްޑީއޭ އިން ނެޝަނަލް ސެޓްފިކެޓް އެމްއެންކިޔުއެފް ލެވެލް 3ގެ ސެޓްފިކެޓެއް ލިބެއެވެ.
އެފަދަ ޕްރޮގުރާމުތަކުގެ މަގުސަދަކީ މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުގުވެރިވާ ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ގަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
އޭގެ އިތުރުން އެ ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާ ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިން ސްޓެންޑާޑްތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލުކުރެވިފައިވޭތޯ ބަލައި ކަށަވަރުކުރުމަށްފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ގައުމީ ސަނަދު ދޫކުރުމަކީވެސް އެ ޕްރޮގުރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެ ވަޒީފާތައް އަދާކުރުމަށް އިތުބާރާއެކު، މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް އެ ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އަދި ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ހަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް އެ ޕްރޮގުރާމުގެ މަގުސަދެކެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިއަށްދާނީ މައިގަނޑު ހަ ދާއިރާއަކަށް ހާއްސަކޮށްގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖުތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް