ސެންޓްރަލް ޖަލު އަޅައި ނިމި ހުރިހާ ޖަލެއް އެތަނަށް ބަދަލުވަންދެން ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާވިސްއަށް ދޭން ނިންމައިފިއެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސެންޓްރަލް ޖަލު އަޅައި ނިމި ހުރިހާ ޖަލެއް އެތަނަށް ބަދަލުވަންދެން ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާވިސްގެ ބޭނުމަށް ބޭނުންކުރަމުން ދިއުމަށް މާލެ ސިޓީ ކައުންސިލާއި އެޗްޑީސީއާއި ކަރެކްޝަންސްއާއެކު މަޝްވަރާކުރެވި އެއްބަސްވެފައިވާ ކަމަށެވެ

މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްްނުންފުޅަކީ ޖަލުތަކަށް ކުރެވޭ ހަރަދު ކުޑަކުރުމާއެކު ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ.

ރާއްޖޭގެ ޖަލުތައް ފުރިފައިވާ އިރު، ސެންޓްރަލް ޖަލު ހެދުމަށް ނިންމާފަިއވަނީ އުތުރުތިލަފަޅުގައެވެ. އެ ޖަލުގެ ޖާގައަކީ 3،000 މީހުން ކަމަށް މިނިސްޓަރު އިހުސާން މީގެ ކުރިން ވިދާޅުވެފައިވެއެވެ.