މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި ޖަލްސާއަަށްފަހު، މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
ރޯދަމަހުގެ ފަހު ދިހަޔަކަށް 19 މާޗް (19 ރަމަޟާން) ގައި މަޖިލިސް ޖަލްސާތައް މެދުކަނޑާލުމަށްފަހު ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ ހަފުތާގެ ހޯމަ (7 އޭޕްރީލް) ގައެވެ.
އެ ދުވަހުގެ ޖަލްސާގައި އޮތީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވި ގއ. ދެއްވަދޫ، ދޭލިޔާގެ، މުހައްމަދު އަނަސްއަށް މަޖިލީހުގެ ރުހުން ހޯއްދެވުމުގެ މައްސަލަ، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ފޮނުވުމާއި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް މއ. ސިގްމާ މުހައްމަދު މުޖުތާޒް އައްޔަންކުރުމަށް މަޖިލީހަށް ފޮނުވި މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމާއި، އާޒަރުބައިޖާނަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ގ. ކަނޑިތޮޅިއާގެ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަންކުރުމަށް މަޖިލީހަށް ފޮނުއްވި މައްސަލަ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވުމެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ލަސްކުރާތީ އިދިކޮޅު އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަޙަޅަން އެދުނު ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތު ނުދީ އެ ދުވަހުގެ ޖަލްސާގެ ބަހުސްގެ ގޮތުގައި ކުރިއަށް ގެންދިޔައީ، ގާނޫނުއަސާސީ އާއި ކަމާގުޅޭ ގާނޫނުތަކާއި އަދި މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓާ ހިލާފަށް ސަރުކާރާއި މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހަރަދުކުރާ ކަމަށްބުނެ ހުށަހެޅި ގަރާރުގެ ބަހުސެވެ.
އެ ދުވަހުގެ ޖަލްސާގައި ވަނީ އެ ގަރާރު ބަލައިނުގަނެ ތަޅުމުން ބޭރުކޮށްލައިފައެވެ.
އެއަށްފަހު ބާއްވާ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީވެސް އެންމެ ެެ މައްސަލައެވެ. އެއީ ބޭރުގައުމަކަށް ރާއްޖެއިން ކަނޑައަލާ ނޮން ރެޒިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ބޭފުޅެއްގެ މައްސަލަ ކޮމިޓީއަކަށް ފޮނުވުމާއި، އާޒަރުބައިޖާނަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރު ކަމަށް ހަމަޖެއްސުމަށް ކުރީ ދުވަހުގެ ޖަލްސާގައި ކޮމިޓީއަށް ފޮނުވި ލަތީފަށް މަޖިލީހުން ރުހުންދޭން ފާސްކުކރުމުގެ މައްސަލައެވެ.
އިތުރު މަސައްކަތެއް މާދަމާއަށް އެޖެންޑާކޮށްފައެއްނުވެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް