ގދ. ހޯނޑެއްދޫގެ އިހުތިސޯސުން ކަޑެވާރެހާ ވަކިކޮށް، އެތަން އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސް މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގެ ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ކަމަށެވެ.

ގަރާރުގައި ރައީސް ވިދާޅުވީ 2020 ވަނަ އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2020/23 ގަރާރުން އެކަށައަޅައިފައިވާ، ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައަޅައިފައި އޮތް ގޮތަށް ބަދަލު ގެންނާން ޖެހިއްޖެ ކަމަށް ފެންނަ ކަމަށެވެ.

އެހެންވެ ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިހުތިސޯސަށް ބަދަލު ގެނެސް، ހޯނޑެއްދޫގެ އިހުތިސޯސުން ކަޑެވާރެހާ ވަކިކުރާ ކަމަށެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ އެ ނިންމެވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް އިންޓަގްރޭޓަޑް ޓޫރިޒަމަށް ކަޑެވާރެހާ ތަރައްގީކުރުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.