މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 15 އެޕްރީލް ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މެންބަރުކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް އިން ފޯމު ޑައުންލޯޑު ކުރެއްވޭނެއެވެ.

ބްރޯޑްކާސްޓީން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ، އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުގައި މީގެކުރިން ހުންނެވި މުހައްމަދު ފަޒީން، އެ ކޮމިޝަންގެ މެންބަރުކަމުން ހުސްވި މާޗު މަހުގެ 17 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން މެންބަރުކަމުގެ މަގާމު ހުސްވުމުންނެވެ.

ފަޒީން، އިސްތިއުފާ ދެއްވީ ކޮމިޝަންގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރާ މައްސަލައެއް ހުށަހެޅި، އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާކޮށް އޭނާ ކޮމިޝަނުން ވަކިކުރަން ކޮމިޓީން ފާސްކޮށްފައި ވަނިކޮށެވެ.