އއ. ރަސްދޫގެ ގެއެއްގެ ކޮޓަރިއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ފިހުނީ އަލީ ސާމިން ނަމަކަށް ކިޔާ މީހެކެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އެ މީހާ ވެންޓިލޭޓަރުން ނެގި ނަމަވެސް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

އއ. ރަސްދޫގެ ގެއެއްގެ ކޮޓަރިއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ މަރުވެފައެވެ.

އެނގިފައިވާ ގޮތުގައި، އެ ހާދިސާ ހިނގާފައިވަނީ އަންހެން މީހާ އަމިއްލައަށް ގައިގައި ރޯކުރަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް އެކަން ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެ ހާދިސާގައި ފިހުނު ދެ މީހުންނަކީ ކުރިން ކައިވެންޏެއްކޮށް މިހާރު ވަރިވެފައިވާ ދެ މީހުންނެވެ.

"އަންހެން މީހާ އެ ދުވަހު ޕެޓްރޯލް ފުޅިއެއް ގަތް ކަމަށް ވަނީ. ދެން ފިރިހެން މީހާ ކޮފީއެއްގައި އިންދާ މި އަންނަނީ މެސެޖެއް. އެ އައުމާއެކު، އެ މީހާ އެ ގެއަށް ދިޔަތާ އިރުކޮޅެއް ފަހުން މި ހާދިސާއެއް މިހިނގީ،" މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ބުންޏެވެ.

އެ އަންހެން މީހާ މީގެ ކުރިން ވެސް އަމިއްލައަށް މަރުވާން މަސައްކަތް ކުރިކަން އިތުބާރު ހިފޭ މަސްދަރަކުން "ވަން" އަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.