ސިހުރު ހަދާކަމުގެ ތުހުމަތުގައި ވ. ކެޔޮދޫ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހއ. ހޯރަފުށީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ކެޔޮދޫ، ތިބުރޯޒުގެ، މުހައްމަދު އަބްދުލްކަރީމް 34އ. ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އެ މައްސަލައާ ގުޅިގެން މުހައްމަދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.