ސަރަހައްދީ ބާސްކެޓް ކްލަބުތަކުން ވާދަކުރާ ސާބާ ކްލަބު ޗެމްޕިއަންޝިޕް 2025 ގައި ރާއްޖޭގެ ޓީ-ރެކްސް ބީސީން ކުޅުން ފުރަތަމަ މެޗުގައި ބޫޓާނުގެ ތިމްޕޫ މެޖިކްސް ބަލިކޮށްފިއެވެ.
ސާބާ ކްލަބު ޗެމްޕިއަންޝިޕް 2025 ބާސްކެޓް ބޯޅަ މުބާރާތަކީ ސާބާގެ ކްލަބުތަކުން ވާދަކުރުމަށް ފުރަތަމަ ފަހަރަށް ބާއްވަމުންދާ މުބާރާތެކެވެ. މުބާރާތް ކުރިއަށްދަނީ އިންޑިއާ ޗެންނާއީގައެވެ.
މިއަދު ފެށި މުބާރާތް މި މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އިރު، ފަސް ޓީމަކުން މުބާރާތުގައި ވާދަކުރާނެއެވެ. އެއީ ރާއްޖޭގެ ޓީ-ރެކްސްގެ އިތުރުން ސްރީ ލަންކާގެ ކޮލަމްބޯ ބީސީ، ނޭޕާލުގެ ޓައިމްސް ކްލަބާއި ބޫޓާންގެ ތިމްޕޫ މެޖިކްސް އަދި އިންޑިއާގެ ޓަމިލް ނާޑޫއެވެ.
ސާބާ ކްލަބު މުބާރާތުގެ ޗެމްޕިއަން ޓީމަށް ވެސްޓް އޭޝިއާ ސުޕަ ލީގު 2025 އިން ޖާގައެއް ލިބޭނެއެވެ.
ޓީ-ރެކްސްއާއި ތިމްޕޫ ވާދަކުރި މެޗު ޓީ-ރެކްސް އިން ކާމިޔާބު ކުރީ 71-47 ޕޮއިންޓުންނެވެ.
މެޗުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު، 16-6 އިން ޓީ-ރެކްސް ކުރީގައި އޮތްއިރު، ދެވަނަ ކުއާޓާ ޓީ-ރެކްސް އިން ނިންމާލީ 33-10 ޕޮއިންޓުންނެވެ. މެޗުގެ ތިންވަނަ ކުއާޓާ ނިމުނުއިރު، ޓީ-ރެކްސް އޮތީ 53-32 ޕޮއިންޓުން ލީޑުގައެވެ.
މާދަމާ ހަވީރު ޓީ-ރެކްސް އިން ލީގު ބުރުގައި ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ ލަންކާގެ ކޮލަމްބޯ ބީސީއާ ދެކޮޅަށެވެ.
ސާބާ ކްލަބު ބާސްކެޓްބޯޅަ މުބާރާތް