ރާއްޖޭގެ މިނިވަންކަމާއި ސުލްހަ ގާއިމުކުރަން ހިންގާ މަޝްރޫއުތަކައް 100 މިލިއަން ޑޮލަރު އިންވެސްޓް ކުރަންޖެހޭ ގޮތަށް ހަދައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ "ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނެ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައެޅި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2024/6" އިސްލާހު ކުރައްވައިފައެވެ.

އިސްލާހު ކުރެއްވި ގަރާރުގައި ރައީސް ވިދާޅުވެފައިވަނީ ޓޫރިޒަމާބެހޭ ގާނޫނުގެ ފަސްވަނަ މާއްދާގެ (މ) ގެ (03) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި، އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން މަދުވެގެން ކުރަންޖެހޭ އިންވެސްޓްމެންޓް އަދަދުތައް ގަރާރަކުން ކަނޑައަޅައި އާންމުކޮށްފައި އޮތް ގޮތަށް ބަދަލުތަކެއް ގެންނަން އެ މަނިކުފާނަށް ފެނިވަަޑައިގަންނަވާ ކަމަށެވެ.

އެހެންވެ އެ އިސްލާހުތައް މިއަދު ގެންނަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ މަނިކުފާނު ގެންނެވި އިސްލާހުގައި ބަޔާންކޮށްފައިވަނީ "ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލް ހިމާޔަތްކޮށް ރައްކައުތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ޓަކައި ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ މަޝްރޫއުތަކައް" 100 މިލިިއަން ޑޮލަރު އިންވެސްޓްކުރަންވާނެ ކަމަށެވެ.

އިސްލާހުގައި ވަނީ އެފަދަ މަޝްރޫއުތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސް މުއިއްޒު މީގެ ކުރިން ނެރުއްވި ގަރާރެއްގައި ބަޔާންކޮށްފައިވަނީ އެފަދަ މަޝްރޫއުތަކައް 15 މިލިއަން ޑޮލަރު އިންވެސްޓްކުރަންވާނެ ކަމަށެވެ.