މިއަދު ފާހަގަކުރަމުން މިދާ ފިތުރު އީދުގެ މުނާސަބަތުގައި، އީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސާއި، އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ބައްދަލުކުރައްވައި އީދު ސަލާމް ކުރައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން އޮތީ، މިއަދު ހެނދުނު 9:00 އިން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.

މުލީއާގޭގައި ބޭއްވެވި އީދު ސަލާމް ކުރެއްވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ވަޒީރުންނާއި، އެ ފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ އިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާއި، ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

އެ ބޭފުޅުންގެ އިތުރުން، ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި އާއިލާތައް އީދު ސަލާމްކުރުމަށްޓަކައި ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވިއެވެ.

އީދު ދުވަހާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އިންތިޒާމުކޮށްގެން ސަލްޓަން ޕާކު، ޖުމްހޫރީ މައިދާން އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގައި މިއަދު ހަވީރު ކުރިއަށްގެންދާ އީދު ހަވީރުގައިވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.