ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ އީދު ލައިޓުތައް މިރޭ ދިއްލާލައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އީދު ލައިޓުތައް ދިއްލައިދީފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ މުސްލިމް އުންމަތަށް އަންނަ އެންމެ މުހިންމު އެއް ދުވަހަކީ އީދު ދުވަސް ކަމަށެވެ. ޝަހީމް ވިދާޅުވީ އީދަކީ މާތް ﷲ މަތިން ހަނދުމަކުރުމަށް ލިބޭ ފުރުސަތުތަކެއް ކަމަށެވެ. އަދި އެއީ ހިތްތަކަށް އުފާވެރިކަން ލިއްބައިދިނުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އީދަށް ދިއްލުމުގެ ހަރަކާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު ފެއްޓެވި ހަރަކާތެކެވެ.
އީދު ލައިޓުތައް މާލެއާއި ރަށްރަށުގައި ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް މިމަހު 22 ގައި "ވަން" އަށް ވިދާޅުވެފައިވަނީ ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށާއި އާބާދީ އެންމެ ބޮޑު ދެ ރަށާއި ސިޓީތަކުގައި ލައިޓު ދިއްލާނެ ކަމަށެވެ. މި ފަހަރު އަލަށް 36 ރަށުގައި އީދު ލައިޓު ދިއްލާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެެވެ.
"މި ފަހަރު 28 މިލިއަން ރުފިޔާގެ ލައިޓު ވާނީ ގެނެސްފައި،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ މި ފަހަރުގެ އީދުގައި މާލޭ ސަރަހައްދުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކު އެއްކޮށްލައިގެން އީދު ދުވަހުގެ ހަވީރު، އެކި ކުޅިވަރުތަކާއެކު ކުޑަކުދިންގެ ހަވީރެއް ބާއްވާނެ ކަމަށާއި އެ ރޭ ހިއްޗަށް ދިއުމުގެ ހަރަކާތެއް އޮންނާނެ ކަމަށެވެ.
މުހައްމަދު އިޝާން
ފިތުރު އީދު
ފިތުރު އީދު
ފިތުރު އީދު
ފިތުރު އީދު