ހިޖުރި މަހެއް ފެށުމަށްޓަކައި ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ފަލަކީ އިލްމުގައި ރާއްޖޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ރައީސް މައުމޫން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިޖުރީ މަހެއް ނިމި، ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށާއި އިރުއޮއްސުމަށް ފަހު، ކިތަންމެ ކުޑަހިނދުކޮޅަކަށް ވިޔަސް ހަނދު ނުއޮއްސި ހުރި ކަން ހިސާބުން ސާބިތުވާ ނަމަ އާ މަހެއް ފެށުނީ ކަަމަށެވެ.

މައުމޫން ވަނީ މި އަހަރުގެ ޝައްވާލު މަހުގެ ހަނދާ ގުޅޭ ގޮތުން ލިޔުމެއް ލިޔުއްވައިފައެވެ. އެ ލިޔުމުގައި މައުމޫން ވިދާޅުވީ ސައޫދީ އަރަބިއްޔާ އާއި މިސްރާއި ތުރުކީ އާއި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މިއަދުގެ އިރުއޮއްސުމަށް ފަހު، ހަނދު ނުއޮއްސި އަށް މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާ ކަމަށެވެ. އެހެންކަމުން މާދަމާ މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެއެވެ.

"މާޗު މަހުގެ 29 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ވެސް 29 ވަނަ ދުވަހެވެ. އެ ދުވަހު ދިވެހިރާއްޖެ އަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގަ އެވެ. ހަނދު އޮއްސެނީ ވެސް، ހަމަ އެ ގަޑީގަ އެވެ،" މައުމޫން ވިދާޅުވިއެވެ.

މައުމޫން މިގޮތަށް ވިދާޅުވެފައިވާ އިރު، ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވަނީ މާދަމާ އީދަށް ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފަލަކީ ހިސާބުތަކަށް ބަލާއިރު އީދަށް ވާނީ ހޯމަ ދުވަސް ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން ޝައްވާލް މަހުގެ 1 ވަނަ ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.