ގާޒާގައި ދިރިއުޅޭކަމަށް ބެލެވޭ ފަލަސްތީނުގެ 2.3 މިލިޔަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. އެހެންވީމާ ގާޒާއާ ދެކޮޅަށް އިޒްރޭލުން ހިންގަމުން ގެންދާ ޖަރީމާތަކުގައި އެންމެބޮޑަށް ގެއްލުން ލިބެމުންދަނީވެސް ކުޑަކުދީންނަށެވެ. ފާއިތުވި ސަތާރަ މަސްދުވަހުގެ ތެރޭގައި އިޒްރޭލުންވަނީ ގާޒާގެ ކުޑަކުދީންގެ ތެރެއިން މަދުވެގެން އަށާރަހާސް ކުދިން ޝަހީދުކޮށްލާފައި ކަމަށް ގަބޫލުކުރެވެއެވެ. ހަމަޔަގީނުންވެސް ކުޑަކުދީންކަން ކަށަވަރުވާ ސޯޅަހާސް ކުދިން ޝަހީދުކޮށްލައިފިއެވެ. ރިކޯޑުތަކުން އެކަން ޔަގީންވެއެވެ. އޭގެމާނަޔަކީ ކޮބައިހެއްޔެވެ. މާނަ ވަރަށް ސާފެވެ. ފާއިތުވި 535 ދުވަހަށް ބަލާއިރު ދުވާލަކަށް ތިރީސްކުދިން އެވަނީ ޝަހީދުވެފައެވެ. ކޮންމެ ބައިގަޑިއިރަކުން ކުއްޖަކު އެވަނީ ޝަހީދުވެފައެވެ. މިއަށްވުރެވެސް ތިލަކޮށް މަންޒަރު ސިފަކޮށްދެންޏާ ބުނަންޖެހެނީ މިހެންނެވެ. ގާޒާއަކީ ސަތޭކަ ކުދިން ތިބި ކޮޓަރިއަކަށް ވަންޏާ އެ ސަތޭކަ ކުދިންގެ ތެރެއިން ދެކުދިން ޝަހީދުވެއްޖެއެވެ.

އިތުރު ދެކުދިން ވަނީ ގެއްލިފައެވެ. ބެލެވެނީ ޝަހީދުވީކަމުގައެވެ. މަދުވެގެން ތިންކުދިން ވަނީ ސީރިއަސްކޮށް ޒަޚަމްވެފައެވެ. ފަސްކުދިންވަނީ ޔަތީމުވެފައެވެ. ނުވަތަ މައިންބަފައިންނާ ވަކިވެ މަގުމަތިވެފައެވެ. އިތުރު ފަސްކުދިންނަކީ ކާޑުބަލިޖެހުމުގެ ސަބަބުން ފުރާނަ ސަލާމަތްކުރުމަށް އަވަސް ފަރުވާ ބޭނުންވާ ކުދިންނެވެ. ދެން ބާކީތިބި 83 ކުދިން އެތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ކުރުގޮތަކަށް މިކިޔައިދެވުނީ ގާޒާގެ ކުޑަކުދިންގެ ހާލަތެވެ. ގާޒާގައި މިހާތަނަށް ޝަހީދުވި ކަމަށް ޔަގީންކުރެވޭ ސޯޅަހާސް ކުދީންގެ ތެރެއިން މަދުވެގެން އެއްހާސް ކުދީންނަކީ އުމުރުން އެއްއަހަރުވެސް ނުފުރެނީސް ޝަހީދުވި ތުއްތު ކުދީންނެވެ. ގާތްގަޑަކަށް ދޮޅުހާސް ކުދިންނަކީ އެއްއަހަރުވެފައިވާ އެކަމަކު ފިރުކޭ ކުދިންނެވެ. އުމުރުން ދެއަހަރާއި ފަސްއަހަރާ ދެމެދުގެ ތިންހާސް ފަސްސަތޭކަ ކުދީން ޝަހީދުވެފައިވެއެވެ. އެއީ މިޒަމާނުގެ ބަހުރުވައިންނަމަ ޕްރީސްކޫލް އުމުރުފުރައިގެ ކުދީންނެވެ.

އުމުރުން ހައަހަރާއި ދިހައަހަރާ ދެމެދުގެ ކުދީންގެ ތެރެއިން ގާތްގަޑަކަށް ހަތަރުހާސް ކުދިން ވަނީ ޝަހީދުވެފައެވެ. އުމުރުން އެގާރަ އަހަރާއި ސާދައަހަރާ ދެމެދުގެ ކުދީންގެ ތެރެއިން ތިންހާސް ހަތްސަތޭކަ ކުދީން ވަނީ ޝަހީދުވެފައެވެ. އެއީ 2012 އާއި 2014 އާއި އަދި 2021 ގައި އިޒްރޭލުން ހިންގި ތިން އުދުވާންވެސް ތަޖުރިބާކުރި ކުދިންނެވެ. އެކަމަކު ހަތަރުވަނަ އުދުވާނުގައި އެދިޔައީ ޝަހީދުވެގެންނެވެ. އުމުރުން ފަނަރަ އަހަރާއި ސަތާރަ އަހަރާއި ދެމެދުގެ ކުދީންގެ ތެރެއިން ތިންހާސް ކުދިން ޝަހީދުވެއްޖެއެވެ. ކޮންމެއަކަސް ގާޒާގައި ޝަހީދުވި ކުދީންގެ ތެރެއިން ޖިންސު ވަކިކޮށް ތަފްސީލުކުރާނަމަ އެއީ ނުވަހާސް ފިރިހެންކުދީންނާއި ހަތްހާސް އަންހެން ކުދީންނެވެ. ގާޒާގައި ދޮޅުއަހަރުވަންދެން ހިންގަމުންއައި ގަތުލުއާއްމަށް ގާތްގަޑަކަށް ދެމަސްދުވަހުގެ ހިމޭންކަމެއް ގެނެސްފައި އޮތުމަށްފަހު މިމަހުގެ 18 ވަނަ ދުވަހު އިޒްރޭލުންވަނީ އަނެއްކާވެސް ގަތުލުއާއްމު ފަށައިފައެވެ. މިކަތިލުންތައް އަލުން ފެށިފަހުން ގާޒާއިން އިތުރު އެތައްހާސް ބަޔަކު ޝަހީދުވެއްޖެއެވެ.

އޭގެތެރޭގައި އަނެއްކާވެސް ގިނައީ ކުޑަކުދީންނެވެ. ފާއިތުވި ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ޝަހީދުވި ކުޑަކުދީންގެ ތެރޭގައި އުމުރުން އެންމެ އެއްއަހަރުގެ މުހައްމަދު އަބޫ ހިލާލް ހިމެނެއެވެ. އެ މައުސޫމް ތުއްތު ކުއްޖާ އެކަންޏެއް ނޫނެވެ. ބަނޑަށް ހަތްމަސްވެފައިވާ އޭނާގެ މަންމަ އަފްނާންވެސް ވަނީ ޝަހީދުވެފައެވެ. އެމީހުން ޝަހީދުވީ އަލްމަވާސީ ފޭލިގެޔަށް އިޒްރޭލުން ދިން ވައިގެ ހަމަލައެެއްގައެވެ. މިފޭލިގެޔަކީ ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި އިޒްރޭލުން އިއުލާންކޮށްފައިވާ ސަރަހައްދެކެވެ. ކުރިން ބަޔާންކުރެވުނު އާއިލާގެ ތުއްތު ކުދީންނާއި މާބަނޑު އަންހެނުން އެތަނަށް ބަދަލުކުރީ އިޒްރޭލުން ހަމަލަނުދޭނެކަމަށް ބުނެފައިވާތީ ރައްކާތެރިކަން ހޯދުމުގެ ނިޔަތުގައެވެ. ބައެއް މީހުން ހީކުރުން އެކަށީގެންވެއެވެ. އިޒްރޭލުން ހަމަލަދެނީ ހަމައެކަނި މުސްލިމުންނަށެވެ. މުސްލިމުންގެ ތަންތަނަށެވެ. އެކަމަކު މުޅިއަކުން އެހެނެއްވެސް ނޫނެވެ. ގާޒާގައި ދިރިއުޅެނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. ކްރިސްޓިއަނުންވެސް ދިރިއުޅެއެވެ.

މިމަހު ނަވާރަވަނަ ދުވަހު އިޒްރޭލުންވަނީ ގާޒާގެ އެންމެ ދުވަސްވީ ފައްޅިއަށްވެސް ބޮންއަޅައިފައެވެ. އެއީ ސެންޓް ޕޮފީރިސް ފައްޅިއެވެ. އެތަނުގެ ތެރޭގައި މަދުވެގެން އަށާރަ މީހުން މިދުނިޔެއާ ވަކިވެގެންދިޔައިރު އޭގެތެރޭގައި އެއްއާއިލާއަކަށް ނިސްބަތްވާ ހަތަރު ކުއްޖަކު ހިމެނުނެވެ. އިޒްރޭލުގެ ހަމަލާތަކުގައި މިސްކިތެއް ފައްޅިއެއް ހޮސްޕިޓަލެއް ގެޔެއް ސްކޫލެއް ބެލުމެއް ނެތެވެ. ހަމަލަދެނީ ހަމަހުރިހައި ތަނަކަށެވެ. ބޭނުމަކީ ފަލަސްތީނުގެ ވީހާވެސް ގިނަބަޔަކު ދުނިޔެއިން ވަކިކުރުމެވެ. ގާޒާ މުޅިން ހުސްކޮށް ފަޅު ސަހަރާއަކަށް ހަދައިލުމެވެ. މިކަން މިކުރަނީ ދުނިޔޭގެ އެންމެ ބާރުގަދަ ބޮޑު ދައުލަތުގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައެވެ. އެމެރިކާއާ ގުޅިގެންނެވެ. މިފެންވަރުގައި މި ޖަރީމާތައް ކުރިއަށް ގެންދާއިރު މިކަން ހުއްޓުވުމަށް ދުނިޔެވަނީ ނުކުޅެދިފައެވެ. މިކަމާ ދެކޮޅަށް ބަހެއްވެސް ބުނަން ގިނަ މީހުން ތިބީ ނުކެރިފައެވެ.

ގާޒާއާ ދެކޮޅަށް މިހާވަރެއް މިއަރުވަނީ ކީއްވެގެން ބާވައެވެ. ގާޒާގެ ރައްޔިތުންގެ ކުށަކީ ކޮބައިހެއްޔެވެ. މިފަހަރު އެމެރިކާ އާއި އިޒްރޭލުން ދައްކާ ބަހަނާއަކީ ހަމާސްއިން ހިފަހައްޓާފައިވާ އިޒްރޭލު މީހުންގެ ތެރެއިން ދެތިން މީހަކު އަދިވެސް ދޫނުކުރާ ކަމުގެ ވާހަކައެވެ. ހަމަލަތައް ހުއްޓައިލުމުގެ އެއްބަސްވުމާ ހަމާސް ޚިލާފުވެއްޖެ ކަމުގެ ވާހަކައެވެ. އެކަމަކު ހަގީގަތަކީ އެއީއެއް ނޫނެވެ. އެއްބަސްވުމާ ޚިލާފުވީ އިޒްރޭލުންނެވެ. އެއްބަސްވުމުގެ ދަށުން އިޒްރޭލަށް ކުރަން ލާޒިމު އެތައްކަމެއް އިޒްރޭލުން އޮތީ ނުކޮށް ދޫކޮށްލައިފައެވެ. ފަލަސްތީނުގެ ގައިދީންގެ ތެރެއިން އެތައް ހާސްބަޔަކުވެސް މިނިވަނެއް ނުކުރެއެވެ. އެކަން ނުކޮށްތިބެފައި އަލުން ހަގުރާމަ ފެށުމުގެ ގޮތުން ހަމާސްގެ ބޮލުގައި އިލްޒާމު އަޅުވަނީއެވެ. މިފަހަރުގެ ގަތުލު އާއްމުގައި ކުރިއާ ޚިލާފަށް އެމެރިކާގެ ބައިވެރިވުން ބޮޑުވެފައި ސާފެވެ. މި ގަތުލުއާއްމު ފެށުމުގެ ކުރިން އެމެރިކާގެ ރައީސް ޓްރަމްޕު ވަނީ މިމަގުން މިކަތިލުންތައް ހިންގައި އެންމެން ފަނާކޮށްލާނެ ކަމުގެ އިންޒާރުވެސް ގާޒާގެ ރައްޔިތުންނަށް ދީފައެވެ.