ކީރިތި ގުރުއާނާ ބެހޭ ހާއްސަ ވަގުފު އިމާރާތް ހެދުމަށް ސަރުކާރުން މާލެއިން ބިމެއް ހަމަޖައްސައިފިއެވެ.
ވަގުފު އިމާރާތް ހެދުމަށް މާލެއިން ބިމެއް ހަމަޖައްސާފައިވާކަން އިއުލާންކުރެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ނަމަވެސް އެ ބިމާ ގުޅޭ މާބޮޑު ތަފްސީލެއް ރައީސް ދެއްވައިފައެއް ނުވެއެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކީރިތި ގުރުއާނުގެ ފަންނު ދަސްކޮށްދިނުމުގެ ނޫނީ އުނގަންނައިދިނުމުގެ ފަންނު ކުރިއަށްގެންދިއުމަށް މިދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ކުރިއަށްއޮތް ދުވަސްތަކަށް ވެސް އެކަމުގެ މަސައްކަތްތައް ރޭވިފައިވާ ކަމަށެވެ.
"ކީރިތި ގުރުއާނާ ބެހޭ ހާއްސަ ވަގުފު އިމާރާތެއް ގާއިމުކުރުމަށްޓަކައި ބިމެއް ހަމަޖައްސައިދިނުމަށް އިސްލާމިކް މިނިސްޓްރީން އެބައޮތް ފޮނުއްވާފައި އެކަމަށް ސިޓީފުޅެއް. އަޅުގަނޑުމެން މިހާރު ވާނީ މި ފަހު ދިހައިގެ ބަންދު ތެރޭގައި ވެސް އެކަމާ ބެހޭ މަސައްކަތްތައް ކޮށްފައި. އެކަމަށް މިހާރު ވާނީ މާލެއިން ބިމެއް ހަމަޖައްސާފައި. އަދި ހުޅުވޭ ތަނުން އެކަމާ ބެހޭ ސިޓީ އަޅުގަނޑުމެން އިސްލާމިކް މިނިސްޓްރީއަށް ފޮނުވާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކީރިތި ގުރުއާނާ ބެހޭ ވަގުފު އިމާރާތް އެޅިގެންދިޔައީމާ، އެ ވެގެންދާނީ ވަރަށް ބޮޑު އިންވެސްޓްމަންޓަކަށް ކަމަށާއި ފިކުރީ އަދި ހުރިހާ މާނައެއްގައި ވެސް މުހިންމު އިންވެސްޓަމަންޓަކަށް ވެގެންދާނެ ކަމަށެވެ. އަދި އޭގެ ފުރިހަމަ ނަތީޖާ ކުރިއަށްއޮތް އަހަރުތަކުގައި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މާލޭގައި އާ ވަގުފު ދެ އިމާރާތެއް ހެދުމަށް ނިންމަވާފައިވާކަން ރައީސް ފުރަތަމަ އިއުލާންކުރެއްވީ ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި މިދިޔަ ޖުލައި މަހުއެވެ. އޭގެ ތެރެއިން ދާރުލްއަރްގަމްގެ ނަމުގައި ހަދާ ވަގުފު އިމާރާތަށް ބިން ހަމަޖެހިފައިވާ ކަމަށާއި ދާރުއްސަލާމްގެ ނަމުގައި އާ ވަފުގު އިމާރާތެއް ހެދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެ ޖަލްސާގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވެފައިވަނީ، މި ވަގުތު މާލޭގައި ހުރީ ދާރުލް އީމާންގެ ނަމުގައި ހުރި އެންމެ ވަގުފު އިމާރާތެއް ކަމަށާއި އެ އިމާރާތަށް އަހަރަކު ލިބެނީ ހަ މިލިއަން ރުފިޔާ ކަމަށެވެ. އަދި މި ސަރުކާރުގެ ވިސްނުމަކީ ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރަން ޖެހޭ ހޭދައަށް މާލީ ފުދުންތެރިކަން އިތުރުވާނެ އިތުރު ގޮތްތައް ހޯދުން ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ބޯހިޔާވަހިކަން
އައިފޯން
ރައްޔިތުންގެ މަޖިލިސް
ކުޑަކުދީން