ކުރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް ތައްޔާރުކުރަމުންދާ އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.
އެ އިމާރާތަކީ ހުޅުމާލޭގައި ތަރައްގީކުރަން ހަމަޖެހިފައިވާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، މިވަގުތަށް ހައްލު ހޯދައިދިނުމަށް ތައްޔާރުކުރަމުންދާ އިމާރާތެކެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މިއަދުގެ ޒިޔާރަތުގައި، ކޯޓު އިމާރާތުގެ ޕްލޭންތައް ބައްލަވާލައްވައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސް ބައެއް ބޭފުޅުންނާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ އަރިހުން އެ މަސައްކަތުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތައް އޮޅުންފިލުއްވާފައިވާ ކަމަށެވެ.
އެ ޒިޔާރަތުގައި ރައީސްގެ އަރިހުގައި ކެބިނެޓުގެ ވަޒީރުންނާއި ޝަރުއީ ދާއިރާގެ އިސްބޭފުޅުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުންކަމުގައި، މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެއާއެކު ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސް ހެދުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ޝަރުއީ ދާއިރާއަކީ، ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ހެދުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް