ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދޭން ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމުގެ އުސޫލުން ބޭރުން ގޯތިތަކެއް ދޫކުރި ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން ޕާސްޕޯޓް ހިފެހެއްޓި އެންމެންގެ ޕާސްޕޯޓް ދޫކޮށްލައިފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭބެ އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ، މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން، 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. އެ މީހުންގެ ޕާސްޕޯޓުތައް ހިފަހައްޓާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، އެ އިދާރާ އިން ތަހުގީގުކުރަމުންދާ ބިންވެރިޔާ ސްކީމާ ގުޅުން ހުރި މައްސަލައިގައި ފުރުން މަނާކުރި އެންމެންގެ ފުރުން މަނާކުރި އަމުރު ވަނީ ބާތިލުކޮށްފައިވާ ކަމަށެވެ.

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވެ، ފެށި ތަހުގީގާ ގުޅިގެން އެޗްޑީސީގގެ ޗެއާމަން އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި އެ ކުންފުނީގެ ބޯޑުގެ ހުރިހާ ބޭފުޅުން ވަނީ ސަސްޕެންޑްކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީ ފަޒުލް ރަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ. ފަހުން ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ފުލުހުން ފަޒުލްއަށް ކުރަނީ ފޯޖަރީގެ ތުހުމަތެވެ.

ފަހުން ވަނީ، އެޗްޑީސީގެ މެނޭޖްމަންޓުގެ އިސް ބަޔަކު ވެސް ސަސްޕެންޑްކޮށްފައެވެ. އެ ގޮތުން، ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދާއު ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން އާއި އެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ސަސްޕެންޑްކޮށްފައިވާކަން "ވަން" އަށް ވަނީ އެނގިފައެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް އަލުން ވަޒީފާ ވަނީ ދީފައެވެ.

މި މައްސަލައާ ގުޅިގެން، އެމްޑަބްލިޔުއެސްސީން ވަނީ ޑީއެމްޑީ، ފަޒީލް ރަޝީދުވެސް ޒިންމާތަކުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައެވެ.

ފުލުހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ބުނެފައިވަނީ އެ ތަހުގީގުގައި ބަލަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އަދި މި ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް ކަމަށެވެ. އޭސީސީންވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

އޭސީސީން މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ އިރު، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށާއި އޭސީސީއަށް، ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވެސް ވަނީ އަމުރުކުރައްވައިފައެވެ.

ފަޒީލަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ކުރީން ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ފަޒީލް ވަނީ އޭނާއަށް ލިބުނު ގޯތީގެ ރެޖިސްޓްރީ ކަމަށް ބުނާ ލިޔުމަކާއެކު، އެ ބިމުގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދި މިދިޔަ 2024 ޖޫން 30 ވަނަ ދުވަހު އެޗްޑީސީއަށް ހުށަހަޅައިފައެވެ.

އެހެންވެ އެޗްޑީސީން ވަނީ އެ ގޯތީގެ ރެޖިސްޓްރީގެ ސައްހަކަން ބެލުމަށް ހައުސިން މިނިސްޓްރީއަށް ފޮނުވައިފައެވެ. ފަޒީލްގެ އިތުރުން ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް އަބްދުލް މަޖީދު މާހިރު ކިޔާ މީހަކު ވެސް ވަނީ އެކަމަށް ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ، ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.

އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށް ބުނާ ސިޓީއެއް ވެސް ވަނީ ސޯޝަަލް މީޑިއާގައި އާންމުވެފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.