ރާއްޖޭގެ ހަ އަތޮޅެއްގައި ކައުންސިލް އިދާރާތައް އިމާރާތްކުރާނެ ފަރާތްތައް ހޯދަން ކައުންސިލުތަކަށް އަންގައިފިއެވެ.

ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ކައުންސިލުތައް ބާރުވެރިކުރުވައި އަދި އެ ތަންތަނުގެ އިމާރާތްތައް ރަނގަޅު ފެންވަރުގައި ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން ރާއްޖޭގެ ކައުންސިލް އިދާރާތަކުގެ 71 އިންސައްތަ މުޅިން އާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ 55 ރަށެއްގައި ކައުންސިލުގެ އާ އިމާރާތް ހެދުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓާ ގްލޯބަލްއާ މިދިޔަ ޖެނުއަރީ މަހު ވަނީ ހަވާލުކޮށްފައެވެ. އޭގެ އިތުރަށް ޗައިނާގެ އެހީގައި ވެސް ކައުންސިލު އިދާރާތައް ހެދުމުގެ މަސައްކަތްކުރުމަށް ވަނީ ނިންމައިފައެވެ.

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން އިމާރާތްކުރާ 55 ކައުންސިލްގެ ތެރެއިން ހއ، ހދ، ށ، ނ، ރ އަދި ދ. އަތޮޅުގައި އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް އެ ރަަށްރަށުގެ ކައުންސިލްތަކަށް ދެންނެވިފައިވާނެ ކަމަށާއި އެކަމުގައި އުތީމު އުޅެނީ ވަރަށް ކުރީގައި ކަމަށެވެ.

އެ އެންގުމާ އެއްގޮތަށް ފުރަތަމަ އިއުލާންކޮށްފައިވަނީ އުތީމު ކައުންސިލުންނެވެ. އުތީމު ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނީ ކައުންސިލުގެ އާ އިމާރާތުގެ މަސައްކަތަށް ބިޑުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ އިއުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށްފަހު އަންނަ މަހުގެ އެއްވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމު ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށާއި ބިޑު ރަޖިސްޓްރީކުރާ ފަރާތްތަކަށް އެ މަސައްކަތާ ގުޅޭ އެންމެހާ މައުލޫމާތާއި، ބިޑިން ޑޮކިއުމަންޓްސްތައް އީމެއިލް ކުރެވޭނެ ކަމަށެވެ. އަދި، އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރަން ބޭނުންވާ މައުލޫމަތު އީމެއިލް ކުރުމަށް އެދޭ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އުތީމު ކައުންސިލުން ބުނީ އެކަމަށް އެދި ކުރިމަތިލެވޭނީ ރާއްޖޭގެ ވިޔަފާރި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށާއި ބިޑު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި އެ ކައުންސިލުގެ އިދާރާގައި ކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 6500038 ނަންބަރު ފޯނަށް ގުޅުމަށް އެ ކައުންސިލުން އެދެއެވެ.

މިނިސްޓަރު އާދަމް ޝަރީފް މީގެ ކުރިން ވިދާޅުވެފައިވަނީ 55 ކައުންސިލް އިދާރާ ފަރުނީޗަރާއެކު ގާއިމުކުރެވޭނެ ކަމަށާއި އޭގެ ތެރޭގައި ދެ ބުރިއަށް އިމާރާތްކުރާ 27 ކައުންސިލް އިދާރާ ހިމެނޭ ކަމަށެވެ. އަދި އެއީ 36 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދެ ބުރިއަށް އިމާރާތްކުރާ ކައުންސިލް އިދާރާތައް، މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި އަދި އެއް ބުރީގެ އިމާރާތްތައް މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް އުންމީދު ކުރެވޭ...،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ރައީސްގެ ވައުދުފުޅުގެ ދަށުން 100 ރަށެއްގެ ކައުންސިލުގެ އާ އިމާރާތް ހެދުމުގެ މަސައްކަތް ފެށޭނެކަން އެ މަނިކުފާނު އިއުލާންކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައެވެ.

"އަޅުގަނޑުމެން މިހާރު ދެ މަޝްރޫއެއް މި ހިންގަނީ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 50 ރަށުގެ ކައުންސިލް އިމާރާތް އަންނަ އަހަރު [2025]ގައި އަޅައިދޭނަން. އަނެއް މަޝްރޫއުއަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، ސަރުކާރުން އެ އޮންނަ އުސޫލަކުން ޕޭކުރާ ގޮތަށް އަދި އިތުރު 50 ރަށް. އެހެންވީމަ ޖުމުލަ 100 ރަށުގެ ކައުންސިލް އިމާރާތް އަންނަ އަހަރު [2025]ގައި އަޅަން ފަށާނަން،" އެ ޖަލްސާގައި ރައީސް ވިދާޅުވެފައިވެއެވެ.

އެ ޖަލްސާގައި ރައީސް ވަނީ، މި ދައުރުގެ ތެރޭގައި އެ އިމާރާތްތަކުގެ މަސައްކަތް ނިންމަވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައެވެ.