އއ. ރަސްދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެމަފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.
ފުލުހުން "ވަން" އަށް މިއަދު ވިދާޅުވީ ރޭ 11:15 އެހާކަންހާއިރު ރަސްދޫގެ ގެއެއްގައި އަލިފާން ރޯވި މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
"މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ ދެ މީހަކު ޒަހަމް ވެގެން ފަރުވާ ދިނުމަށްޓަކައި މާލެއަށް ގެންގޮސްފައިވޭ،" ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެއީ ދެމަފިރިންނެވެ. އެ މީހުން ދިރިއުޅެނީ އަލިފާނުގެ ހާދިސާ ހިނގި ގޭގައެވެ. އެ ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ 90 ޕަސަންޓް ވަނީ ފިހިފައެވެ. ފިރިހެން މީހާގެ ހަށިގަނޑު ވެސް ބޮޑުބައެއް ވަނީ ފިހިފައެވެ.
ރަސްދޫ ކައުންސިލްގެ ރައީސް މުހައްމަދު ނާހިދު "ވަން" އަށް މިއަދު ވިދާޅުވީ އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާގެ ފަރާތުން އޭނާއަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވުމުގެ ސަބަބުން އުންމީދު ކަނޑާލާފައިވާ ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ނާހިދު ވިދާޅުވިއެވެ.
ނާހިދު ވިދާޅުވީ ފިރިހެން މީހާގެ ހަށިގަނޑުގެ 78 ޕަސަންޓް ފިހިފައިވާ ކަމަށެވެ.
"ދެ މީހުންގެ ހާލަތު ދަނީ ދަށްވަމުން، އެހެންވެ އުންމީދު ކަނޑާލާފައިވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފަވަނީ އާއިލާގެ ފަރާތުން" ނާހިދު ވިދާޅުވިއެވެ.
ފުލުހުން ބުނީ އަލިފާނުގެ އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު