ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޭ-320 މަރުކާގެ ބޯޓުގެ ދަތުރުތައް އައްޑޫ ސިޓީ ގަމަށް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަނުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ، ގަމަށް އޭ-320ގެ ދަތުރުތައް ފަށާނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހު ކަމަށެވެ. މޯލްޑިވިއަނުން ގަމަށް ކުރާ ދަތުރުތަކަށް މިހާރު ބޭނުން ކުރަނީ އޭޓީއާރް މަރުކާގެ ބޯޓެވެ.

މޯލްޑިވިއަން އިން މިއަދު ވަނީ އޭ-320ގައި ގަމަށް ދަތުރެއް ކޮށްފައެވެ.

މޯލްޑިވިއަނުން ބުނީ އޭ-320 ގައި ގަމަށް ހަފުތާއަކު ދެ ފްލައިޓު ބާއްވާނެ ކަމަށެވެ. އެގޮތުން ކޮންމެ ހޮނިހިރަކާއި ބުރާސްފައްޗެގައި އޭ-320 ގެ ދަތުރުތައް ގަމަށް ކުރާނެ ކަމަށް ބުންޏެވެ.

މޯލްޑިވިއަންގެ އެންމެ ބޮޑު އެއް ބޯޓު ކަމަށްވާ އޭ-320 ގެ ދަތުރުތައް ގަމަށް ފަށާ އިރު، އެ ބޯޓަކީ ބައިނަލްއަގުވާމީ ދަތުރުތަކަށް ވެސް ބޭނުންކުރަމުން އަންނަ ބޯޓެކެވެ.

މަރާމާތަށް ފަހު، މޯލްޑިިވިއަންގެ އެއާބަސް އޭ-320 ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.