މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ދޭ ގަޑިތައް ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި އިތުރުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން މާލެއާއި ހުޅުމާލެއާ ދެމެދު، އަދި މާލެ އެތެރޭގައި ފޯރުކޮށްދެމުން އަންނަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް، ރޯދައިގެ ފަހު ދިހައިގެ ރޭތަކުގައި ދަތުރުވެރީންނަށް އިތުރު ފުރިހަމަކަމާއެކު ދިނުމަށްޓަކައި އެ ހިދުމަތް ދޭ ގަޑިތައް މިރެއިން ފެށިގެން އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ އާރް1، އާރް2، އާރް6، އާރް7 އަދި އާރް8 ގެ ދަތުރުތަކާއި، މާލެ އެތެރޭގައި ދަތުރުކުރާ އާރް10 އަދި އާރް 11ގެ ދަތުރުތަކުގެ ހިދުމަތް ދަންވަރު 2:00 އާ ހަމައަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ އެ ބަދަލުތަކަކީ ރޯދަ ފެށުނީއްސުރެ ދަތުރުވެރީން އެންމެ ގިނައިން ބަހުގެ ހިދުމަތް ބޭނުންކުރާ ގަޑިތަކާއި މިންވަރަށް ބަލައި، އާންމުންގެ ހިޔާލަށް ރިއާޔަތްކޮށް ގެނެވިފައިވާ ބަދަލުތަކެއް ކަމަށާއި އެ ގެނެވޭ ބަދަލުތަކާ ގުޅިގެން އެ ކުންފުނީގެ އުންމީދަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި ބަހުގެ ހިދުމަތް ހޯދާ މީހުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެން ދިއުން ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ، އެމްޓީސީސީގެ ހޮޓްލައިން ނަމްބަރު 1650 އަށް ގުޅުމަށް އެ ކުންފުނިން އެދެއެވެ. އަދި ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެ ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެ ކުރިން އެމްޓީސީސީން ރޯދައިގެ ދުވަސްތަކުގައި ބަހުގެ ހިދުމަތް ދެމުންދިޔައީ ހެނދުނު 7:00 އިން ފެށިގެން ރޭގަނޑު 12:00 އަށެވެ.