ރޯދަމަހުގެ ފަހު ދިހައެއްގައި މަސައްކަތަށް ނުކުންނަ ދައުލަތުގެ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކުގެ މިންގަނޑުތަކަށް ހަތްވަނަ އިސްލާހު ގެނެސްފައެވެ.
އަލަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވަނީ ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭ ކަމަށް ކަނޑައަޅާ މުވައްޒަފުން މަސައްކަތަށް ނުކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ އިނާޔަތެއް ދޭންވާނެ ކަމަށެވެ.
ނަމަވެސް، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުން ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ކަމުގައި ވީނަމަވެސް، ހާޒިރީ އިނާޔަތް ދޭންވާނެ ކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ރައީސް އޮފީހުން މިމަހުގެ 11 ވަނަ ދުވަހު ބުނެފައިވަނީ މި އަހަރުވެސް ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށެވެ.
ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ރޯދަމަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެގޮތުން މިދިޔަ އަހަރުގެ ރޯދަ މަހުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސް ކަނޑައަޅާފައިވަނި މިދިޔަ އަހަރުގެ ފެބުރުވަރީ ހަތަރުވަނަ ދުވަހުއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ރޯދަ މަހުގެ ފަހު 10އާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި މުއައްސަސާތަކުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސް މުއިއްޒު އަންގަވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު