ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ. އަތޮޅުގައި ޓައުންޝިޕް މަޝްރޫއެއް ހިންގަން ސަރުކާރުން ހުއްދަ ދީފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނީ އެ މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓްމެންޓު ބޯޑުން ޓައުންޝިޕް މަޝްރޫއެއް ހިންގަން ހުއްދަ ދޫކުރީ ކްރިސްޓަލް ހޯލްޑިންގްސް ނަމަކަށް ކިޔާ ކުންފުންޏަކަށް ކަމަށެވެ.
"ޕްރޮޖެކްޓް އައިލާ"ގެ ނަން ދީފައިވާ އެ މަޝްރޫއު ހިންގަން ނިންމާފައިވަނީ ނ. ދިގުފަރު ފަޅާއި އެ އަތޮޅު ދެކެނަންފަރު އަދި ކުރަމާދޫގައެވެ.
މިނިސްޓްރީން ބުނީ، އެ މަޝްރޫއުގެ ދަށުން މަތީ ފަންތީގެ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގައި، ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތް ދޭ ތަންތަން ތަރައްގީ ކުރާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތަނުގައި މަދުވެގެން 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ މަޝްރޫއުގެ ދަށުން އެކުއަކަލްޗާ އަދި އެޑްވާންސް އެގްރިކަލްޗާގެ މަސައްކަތްތައް އެ ތަނުގައި ހިންގާނެ އެވެ. އެއާއެކު އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ތަންތަނުގައި ހިދުމަތް ދިނުމަށް މަސައްކަތް ކުރާ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް އެ ތަނުގައި ދިރިއުޅެވޭނެ ގޮތަށް ތައުލީމު ހާސިލު ކުރާ ބިނާތަކާއި ބޯހިޔާވަހިކަން ވެސް އެ ތަނުގައި ގާއިމު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެސްއީޒެޑު ގާނޫނުގެ ދަށުން މިއަދު ދޫކުރި ހުއްދައިގެ ދަށުން ދިގުފަރު ފަޅާއި އެ އަތޮޅު ދެކެނަންފަރު އަދި ކުރަމާދޫ ތަރައްގީ ކުރާނެ ގޮތުގެ ފީސިބިލިޓީ އެސެސްމެންޓާއި އިންފްރާސްޓްރަކްޗާ މާސްޓާ ޕްލޭންގެ އިތުރުން އިންޖިނިއަރިން އަދި ތިމާވެށްޓާ ބެހޭ ދިރާސާތަކާއި އެތަނުގައި ހިންގާނެ ވިޔަފާރީގެ މަޝްރޫއުތަކުގެ ތަފުސީލީ ޕްލޭން މިއަދުން ފެށިގެން 180 ދުވަހުގެ ތެރޭގައި ކްރިސްޓަލް ހޯލްޑިގްސް އިން ހުށަހަޅަން ޖެހޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު