މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަންގެ މެންބަރުކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ފަޒީން، އެ މަގާމުން އިސްތިއުފާ ދެއްވި އިރު، އޭނާ ބްރޯޑްކޮމްގެ މެންބަރުކަމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ފަޒީން ވަނީ އިސްތިއުފާގެ ސިޓީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާންމުކުރައްވައިފައެވެ.

އެ ސިޓީގައި ފަޒީން ވިދާޅުވީ މަގާމުން އިސްތިއުފާ ދިނުމަށް ނިންމެވީ ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު ކޮމިޝަނުގެ މެންބަރު ކަމުގެ ޒިންމާ އުފުލުމަކީ މި ހިނދަށް ކުރެވެން ނެތް ކަމެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

ފަޒީން ވަނީ އޭނާއަށް އަމާޒުވާ ތުހުމަތުތައް ދޮގުކޮށް، ވަކީލުން ސޮއިކުރައްވާފައިވާ ބަޔާނެއް ވެސް ޕޯސްޓް ކުރައްވާފައިވެއެވެ.

އެ ބަޔާނުގައި ވަނީ ފަޒީންއާ ގުޅޭ އެ މައްސަލަ ކޮމިޝަނުގެ ކޮމިޓީއަކުންނާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ފުލުހުން ތަހުގީގު ކުރުމުން ވެސް ބުނި ބުނުން ފިޔަވައި ގުޅުވައިލެވޭނެ އިތުރު އެއްވެސް ހެއްކަކާއި ގަރީނާއެއް މިހާތަނަށް ދެއްކިފައިނުވާ ކަމަށެވެ.

ބްރޯޑްކޮމްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ފަޒީންގެ މައްޗަށް ކުރެވޭ އިރު، މި މައްސަލަ މަޖިލީހަށް ހުށަހެޅުނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ރާއްޖެ ޓީވީގެ ޕްރެސެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފަޒީން ބްރޯޑްކޮމްގެ މެންބަރަކަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، 2021 ވަނަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހުއެވެ.

މަޖިލީހުން ފާސްކުރުމާ ގުޅިގެން އޭނާ އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވީ، މާޗް ހަތްވަނަ ދުވަހު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސްކަމުގެ މަގާމުގައި އޭރު ހުންނެވި އަހުމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެން ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމަށް ފަޒީން އައްޔަން ކުރީ 19 ޖެނުއައީ 2023 ގައެވެ.