މާލެ ސަރަހައްދުގައި ސަރުކާރުން ހިންގަން ނިންމާފައިވާ 100 މެގަވޮޓާއި 150 މެގަވޮޓާ ދެމެދުގެ ސޯލާ މަޝްރޫއުއަށް ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު ފިނޭންސް މިނިސްޓްރީން އިތުރުކޮށްފިއެވެ.

ޑިޒައިނިން އާއި ފައިނޭންސް ކުރުމާއި އިމާރާތްކުރުމުގެ އިތުރުން އެތަން ހިންގައި ބަލަހައްޓާ ގޮތަށް އެ މަޝްރޫއުއަށް ޝައުގުވެރިކަން ފާޅުކުރަން ފިނޭންސް މިނިސްޓްރީން ފުރަތަމަ އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުއެވެ.

އެ މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ އިއުލާނުގެ ދަށުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ އީއޯއައިގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ އެ މަޝްރޫއުއާ ގުޅިގެން ގިނަ އަދަދެއްގެ ސުވާލުތަކެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާތީ، އެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދާރީ ވުމާއެކު ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ކަމަށްވެސް ބުންޏެވެ.

އެ މަޝްރޫއުއަށް ޝައުގުވެރިކަން ފާޅުކުރަން މިހާރު ދީފައިވާ މުއްދަތަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުން މި މަޝްރޫއުއަކީ ސޯލާ ޕީވީ ސަޕްލައި އަދި ގްރިޑުގެ ޑިމާންޑް ހަމަހަމަކުރުމަށް ބެޓަރީ ސިސްޓަމެއް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިރުގެ އަލިން 100 މެގަވޮޓުގެ ކަރަންޓު އުފައްދާ ނޭޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށް މާލެ އަތޮޅުގެ ފަޅެއްގައި ޕްލޯޓިން ސޯލާ މަޝްރޫއެއް ހިންގުމަށް ބޭރުގެ އިންވެސްޓަރަކަށް އެސްއީޒެޑުގެ ޕާމިޓް އިޝޫކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެއީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫއެވެ.