ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ ކެބިނެޓުން އުވާލަން ނިންމި ސަރުކާރު ކުންފުންޏެއް ކަމަށްވާ އެގްރޯނެޓް ކޯޕަރޭޝަންގެ މަސައްކަތްތައް އަލުން ފެށުމަށް ނިންމައިފިއެވެ.

ރައީސްް އޮފީހުން 2024 ސެޕްޓެމްބަރު 03 ގައި ބުނެފައިވަނީ އެގްރޯނެޓް އުވާލަން ނިންމީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި 2024 ސެޕްޓެމްބަރު 01 ވަނަ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ކަމަށެވެ. އެފަހުން 2024 ޑިސެމްބަރު 02 ގައި އެގްރޯނެޓުގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވެފައިވަނީ އެގްރޯ ނެޓުގެ ހިންގުން ހުއްޓާލާފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވެފައިވަނީ އެ ކުންފުނީގެ ހިންގުން ހުއްޓާލާފައިވަނީ 2024 ނޮވެމްބަރު 30 ގެ ފަހުން ކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒު، ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަހަރުގެ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހުގެ ހަވީރު ގއ. ނިލަންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވެފައިވަނީ އެގްރޯނެޓް އުވާލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

"އެގްރޯނެޓް މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް)ގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރީ. އެއީ އަޅުގަނޑުމެން ގެނައި ބަދަލަކީ،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ ދަނޑުވެރިކަން ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި އެމްއައިޑީއެފްޒެޑްގެ ދަށަށް އެގްރޯނެޓް ބަދަލުކުރުމުން އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ހަބަރުތައް ގެނެސްދޭ "ސަރުކާރު.އެމްވީ" ގައި އެގްރިކަލްޗާ މިނިސްޓްރީން ޝާއިއު ކުރި ލިޔުމެއްގައި ބުނީ އެމްއައިޑީއެފްޒެޑްގެ ދަށަށް އެގްރޯނެޓް ބަދަލުކުރުމަށް ކެބިނެޓުން ނިންމި ނިންމުން ރިވިއު ކުރުމަށް އެދި ރައީސް މުއިއްޒު ވަނީ އަލުން ކެބިނެޓަށް ހުށަހަޅުއްވައިގެން އެ ނިންމުމަށް ބަދަލު ގެންނަވައިފައި ކަމަށެވެ. އެގޮތުން އެގްރޯނެޓަކީ އެމްއައިޑީއެފްޒެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ވަޒީރުންގެ މަޖިލީހުގެ މިނިންމެވުމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާ ގޮތަށް ވެސް ވަނީ ހަމަޖައްސަވައިފައެވެ" އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަކެތި މާކެޓްކޮށް، އަދި ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރު ކުރުމުގެ ބޭނުމުގައި އެގްރޯ ނެޓް އުފެއްދީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ވަނަ އަހަރުއެވެ. އެ ކުންފުނީގެ ހިންގުން ހުއްޓާލި އިރު، 182 މުވައްޒަފުން އެ ކުންފުނީގެ މަސައްކަތް ކުރަމުންދިޔައެވެ. އެގޮތުން ދަނޑުވެރިކަން ކުރާ ބައެއް ރަށްރަށުގައި އެގްރޯ ނެޓްގެ މުވައްޒަފުން ހަރަކާތްތެރިވިއެވެ.