ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރާ ވަސީލަތްތަކާއި އެކަމަށް ބޭނުންވާ އިމާރާތްތައް 32 ރަށެއްގައި ގާއިމް ކުރުމުގެ މަސައްކަތް އެންވައިރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓްރީން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށްފިއެވެ.
ދަރުބާރުގޭ "ހަލަވެލި މާލަމު"ގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމަސައްކަތުގެ އެއްބަސްވުމުގައި އެންވައިރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމްއެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލުއެވެ.
އެ ރަސްމިއްޔާތުގައި ތޯރިގު ވިދާޅުވީ އެ މަސައްކަތުގެ ތެރޭގައި މުޅިން އަލަށް ވޭސްޓް މެނޭޖުމަންޓް އިމާރާތްކުރާ ރަށްރަށާއި އަދި މިވަގުތު އެ ސެންޓަރުތައް އަޕްގްރޭޑް ކުރަންޖެހިފައި ހުރި ރަށްތަކުގެ ވޭސްޓް މެނޭޖުމަންޓް ސެންޓަރުތައްވެސް ހިމެނޭނެ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި އެކަށޭނަ ނިޒާމެއް ގާއިމުކުރުމަށްޓަކައި ކުނި މެނޭޖްކުރާ ސެންޓަރުތައް ނުވަތަ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން 128 ރަށުގައި އެމަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް މިިނިސްޓަރު ވިދާޅުވިއެވެ.
"މީގެ ކުރިން ފެބްރުއަރީ މަހުގައި އިތުރު ދެރަށެއް ވެމްކޯއާ ހަވާލުކުރެވިފައި މުޅިއެކު 34 ރަށެއް ވެމްކޯއާ ހަވާލުކުރެވިގެން ކުރިޔަށްގެންދާނެ. އެގޮތުން މިހާރުވަނީ ހުރިހާ ސިޓީއެއްގައި އެ މަސައްކަތް ފެއްޓިފައި. އޭގެ އިތުރަށް އަތޮޅެއްގެ ވެރިކަންކުރާ ރަށުގައި އެ މަސައްކަތް ކުރުމުގެ މަސައްކަތް ފެއްޓިގެން މިދަނީ. އެ މަސައްކަތް ވެސް ފަހަރު ރަށެއްގައި ކުރިޔަށްގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ބާކީ ހުރި ރަށްތައްވެސް އާރުޑީސީ އަދި އެމްޓީސީސީ އާއި ފެނަކަ ކޯޕްރޭޝަނާ ހަވާލުކޮށްގެން ފުރިހަމަ ކުރުމަށް ރާވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އެ ރަށަކަށް ބޭނުންވާ ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމްކޮށް އެތަކަށް ބޭނުންވާ އިކުއިޕްމަންޓްތައް ފޯރުކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވެމްކޯ އެމްޑީ މުޖްތަބާ ވިދާޅުވީ ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރަށްތަކުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ވެމްކޯގެ މުވައްޒަފުނަށް ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ބޭރުގެ ބަޔަކަށް ހަވާލުކުރަން ނުޖެހި، ހަރަދު ކުޑަކޮށް، ކުނި މެނޭޖުކުރާ ސެންޓަރުތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
- ލ. މައިބައިދޫ
- ލ. މާމެންދޫ
- ލ. މާވަށް
- ލ. މުންޑޫ
- ލ. ކުނަހަންދޫ
- ލ. ހިތަދޫ
- ލ. އިސްދޫ
- ލ. ކަލައިދޫ
- ކ. ގުޅި
- ކ. ގާފަރު
- ކ. ދިއްފުށި
- ތ. ހިރިލަންދޫ
- ތ. ވޭމަންޑޫ
- ތ. ކަނޑޫދޫ
- ތ. ދިޔަމިގިލި
- ތ. ގާދިއްފުށި
- ހދ. ނާލާފުށި
- ހއ. ވަށަފަރު
- ހއ. ދިއްދޫ
- ހއ. ހޯރަފުށި
- ހއ. އިހަވަންދޫ
- މ. މަޑުއްވަރީ
- މ. ނާލަފުށި
- މ. ރަތްމަންދޫ
- މ. ވޭވަށް
- ފ. ބިލެއްދޫ
- ފ. ދަނރަބޫދޫ
- ފ. ފީއަލި
- ލ. މާވަށް
- ލ. މުންޑޫ
- އައްޑޫ ސިޓީ ހުޅުމީދޫ
- ފުވައްމުލަކު ސިޓީ
- ކުޅުދުއްފުށި ސިޓީ
- ތިނަދޫ ސިޓީ
ޚަބަރު
ޚަބަރު
ޚަބަރު