މުވައްޒަފަކަށް ޖިންސީ ގޯނާކުރާ މައްސަލައަކާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފިއެވެ.
ފަޒީން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، ކޮމިޝަންގެ އަންހެން މުވައްޒަފަކަށް އޭނާގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވަމުންދާ ކަމަށް ބަޔާންކޮށް އެ ކޮމިޝަނުންނާއި އެ މުވައްޒަފު މިދިޔަ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހު އެކަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުމުން އެކަން ބެލުމަށްފަހުގައެވެ.
އެ މައްސަލަ ބެލުމަށްފަހު ކޮމިޓީގެ މުގައްރިރު މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވަނީ، އެކި ފަހަރު މަތިން މުވައްޒަފުުގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލާފައިވާ ކަމަށް މުވައްޒަފު ބުނެފައިވާ ކަމަށާއި ކޮމިޝަންގެ އެހެން އަންހެން މުވައްޒަފަކަށްވެސް ބޭއަދަބީ ބަހުން ވާހަކަ ދައްކާފައިވާ ކަމަށް އެ މުވައްޒަފު ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެއީ ކޮމިޝަންގެ ޖިންސީ ފުރައްސާރައާއި ގޯނާ ކުރުމުގެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ކޮމިޝަންގެ މެންބަރުން ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށާއި ދެ އަންހެން މުވައްޒަފުންނަށް ބޭއަދަބީ ބަހުން އޭނާ ވާހަކަ ދެއްކިކަމުގެ ޝަކުވާ ލިބުނު ކަމަށް ކޮމިޓީއަށް ހާޒިރުކުރި ކޮމިޝަންގެ މެންބަރުން ފާހަގަކޮށްފައިވާ ކަމަށްވެސް ސިޓީގައިވެއެވެ.
އެގޮތުން ކޮމިޝަނުގެ ނައިބް ރައީސްގެ ގޮތުގައި ހުންނަވައި ކޮމިޝަންގެ މުވައްޒަފަކާ ބޭއަދަބީ ބަހުން ވާހަކަ ދެއްކުމާއި އެ މުވައްޒަފުގެ ގައިގައި އަތްލުމަކީ މުޖުތަމައު ގަބޫލުކުރާ އަހުލާގީ މިންގަނޑާއި އަބުރުވެރިކަމާ ހިލާފު އަމަލެއް ކަމަށް ކޮމިޓީން ދެކޭތީ، އެއީ މެންބަރުކަމުގެ ސުލޫކީ ހަމަތަކާ ހިލާފަށް ފަޒީން ހިންގާފައިވާ އަމަލެއް ކަމަށް ކޮމިޓީން ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.
އެ ކަންތައްތަކަށް ބަލައި، ބްރޯޑްކޮމްގެ މެންބަރުކަމުން ފަޒީން ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވާތީ އެކަން މަޖިލީހުގެ ތަޅުމުގައި އިއުލާން ކޮށްދިނުމަށް އެ ސިޓީގައި މަޖިލިސް ރައީސްގެ ކިބައިން އެދިފައިވެއެވެ.
މި ސިޓީ މަޖިލީހުގެ އަމީން އާއްމު މަޖިލިސް ތަޅުމަށް އިއްވުމުން، އެ މައްސަލަ ދިރާސާ ކުރުމަށްފަހު ގޮތެއް ނިންމުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މަޖިލިސް ރައީސް ވަނީ ފޮނުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު