މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން މާދަމާ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ.
އެޖެންޑާގައި ވަނީ ފަޒީން ވަކިކުރުމުގެ މައްސަލަ މަޖިލިސް ތަޅުމުގައި އިއްވުމަށްފަހު އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށެވެ.
ފަޒީން ވަކިކުރުމަށް މަޖިލިސް ތަޅުމުގައި ވޯޓަށް އަހާނީ އެ މައްސަލައިގައި ކޮމިޓީން ނިންމާގޮތުގެ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވުމުން އެ މައްސަލައަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރުމަށްފަހުގައެވެ.
ރާއްޖެ ޓީވީގެ ޕްރެސެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބ. ތުޅާދޫ، ހޭޒްލީން، މުހައްމަދު ފަޒީން ބްރޯޑްކޮމްގެ މެންބަރަކަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، 2021 ވަނަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހުއެވެ.
މަޖިލީހުން ފާސްކުރުމާ ގުޅިގެން އޭނާ އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވީ، މާޗް ހަތްވަނަ ދުވަހު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސްކަމުގެ މަގާމުގައި އޭރު ހުންނެވި އަހުމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެން ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމަށް ފަޒީން އައްޔަންކުރީ 19 ޖެނުއައީ 2023 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު