ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑިި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ކޯޓަށް ހުށަހެޅީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ދަކަމުންނުދާ ކަމަށް ބުނެއެވެ. އެއީ ސިނާން އާއި އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ދައްކަން ޖެހި، ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވާ މައްސަލައެކެވެ.
އެ ފައިސާ ދައްކަން ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަސް ތެރޭގައެވެ.
ކޯޓުން ކުރި ހުކުމުގައި ވަނީ، އެ ފައިސާ ހަ މަސް ތެރޭ ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއް ދެއްކުމަށެވެ. އެ ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ގާލިބު ސަލީމެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ މިހާރު ބަލައިގަތްކަމުގެ ލިޔުން ވަނީ މައްސަލަ ހުށަހެޅުއްވި ފަރާތުގެ ވަކީލު ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިނަށް ފޮނުވައިފައެވެ. ގާލިބު ހުށަހެޅި މައްސަލައިގައި ވަނީ ހިތަދޫ ކޯޓުން ހުކުމްކޮށްފައިވާ ގޮތަށް ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏަށް ފައިސާ ދައްކަމުން ނުދާ ކަމަށެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ އެއްވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެފައި، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުގެންދާ ނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު