ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މާދަމާ އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހޯމަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުން ތާވަލުކޮށްފައިވަނިކޮށް ޖޭއެސްސީން ވަނީ ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސްކޫލީ މައްސަލަތަކެއް ބަލަން ފަށައި، އެ ފަނޑިޔާރުން ސަސްޕެންޑްކޮށްފައެވެ. އޭގެ ތެރޭގައި މަހާޒާއި އަޒްމިރަލްދާގެ އިތުރުން ދެން ހިމެނެނީ ފަނޑިޔާރު ހުސްނުއްސުއޫދެވެ.
ޖޭއެސްސީގެ ސަސްޕެންޝަނާއެކު، ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ސުއޫދު ވަނީ މިދިޔަ ހަފުތާގައި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒުގެ ދެ މައްސަލައެއް ބަލަމުންދާއިރު އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓަރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.
ޖޭއެސްސީގެ އޮފިސަލަކު "ވަން" އަށް މިރޭ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ފަނޑިޔާރު މަހާޒު މާދަމާ އަދި އަޒްމިރަލްދާ ހޯމަ ދުވަހު ހާޒިރުކުރަން އަންގާފައިވާ ކަމަށެވެ. ނަމަވެސް ގަޑިއެއް ވިދާޅެއް ނުވެއެވެ.
މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ މިހާރު އޮތީ ހުއްޓިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަނީ، މަޖިލީހުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ބަދަލުކުރަން ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު