އެމެރިކާގެ ޕްރައިވެޓް ކުންފުންޏަކުން ހަނދުގެ ދެކުނު ތަނޑިއަށް ފޮނުވި އުޅަނދު "މަރުވެއްޖެ" ކަމަށް އެކުންފުނިން އިއުލާން ކޮށްފިއެވެ.

އެމެރިކާގެ އިންޝޫޓިވް މެޝިންސް އިން ހަނދަށް ފޮނުވި އުޅަނދު ހަނދުގައި ޖައްސާފައިވާ ކަަމަށް އެ ކުންފުނިން ބުނެފައިވީ ނަމަވެސް އެ އުޅަނދު ހަނދުގައި ޖެއްސި އިރު އޮތީ ކިހިނެއްކަން ސާފު ނުވާކަމަށް އޭރު ބުނެފައިވެއެވެ.

އިންޝޫޓިވް މެޝިންސް އިން ނެރުނު ބަޔާނެއްގައި ބުނީ، އެ އުޅަނދު ހަނދުގައި ޖެއްސުމުގެ ތެރޭގައި އަރިއަޅާލާފައިވާ ކަމަށާއި އުޅަނދުގައި ހަރުކޮށްފައިހުރި ސޯލާ ޕެނަލްތައް ހުރީ އިރުގެ އަލި ލިބޭ ގޮތަށް ނޫންކަމަށެވެ.

10 ދުވަހުގެ މިޝަނަކަށް ހަނދަށް ފޮނުވި އެ އުޅަނދު ހަނދުގައި ޖެއްސުމަށް ފަހު ފޮނުވި ފޮޓޯއިން ވަނީ އުޅަނދު ދެން އިތުރަށް މަސައްކަތް ނުކުރާނެ ކަން ޔަގީންވެފައި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އިންޝޫޓިވް މެޝިންސް އިން ހަނދަށް ފޮނުވި އުޅަނދު "މަރުވެ" އެ މިޝަން ފެއިލިވެފައި ވީނަމަވެސް މިހާރު ކުރިޔަށް ދަނީ މިހާތަނަށް ލިބެން ހުރި ޑޭޓާތައް އެއްކުރުމުގެ މަސައްކަތް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ހަނދުގައި ހާއްސަ ދިރާސާތަކެއް ކުރުމަށް ފެށި އެ މިޝަންގެ އެންމެ މުހިންމު އެއް ބައި ކަމަށްވާ ހަނދުގެ ދެކުނު ތަނޑީގައި ޖެއްސުމުގެ ކާމިޔާބީ ފާހަގަކޮށް އެ ޑޭޓާތައް މުސްތަގުބަލުގެ މިޝަންތަކުގައި ބޭނުންކުރާނެ ކަމަށް އިންޝޫޓިވް މެޝިންސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.