ރޯޔަލް އައިލެންޑް ރިސޯޓުގައި ސުޕްރީމް ކޯޓު ފަނޑިޔާރުންނާ ދެކޮޅަށް ސިއްރު ރޭވުމެއް ރޭވި ކަމަށް ބުނެ ފަތުރާފައިވާ ހަބަރު މާމިގިލި ދާއިރާގެ މެންބަރު އަދި އެ ރިސޯޓު ހިންގާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހިމް ދޮގު ކުރައްވައިފި އެވެ.
ގާސިމް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޮންލައިން ނޫހެއްގައި، އޭނާ އާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އާއި މަޖިލިސް ނައިބު ރައީސް އަހުމަދު ނާޒިމް ރޯޔަލް އައިލެންޑުގައި ސުޕްރީމް ކޯޓު ފަނޑިޔާރުންނާ ދެކޮޅަށް ސިއްރު ރޭވުމެއް ރޭވި ކަމަށް ބުނެ ޖަހާފައިވާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"މިފަދަ ލިޔުންތައް ލިޔެ ޝާއިއުކުރާ މީހުންނަކީ މިފަދަ ދޮގު ހަބަރު ފެތުރުމުގައި ހުރި ނުބައިކަމާއި ފާފަވެރިކަން އެނގިތިބެ، މުޖުތަމައު ފަސާދަ ކުރުމުގެ ބޭނުމުގައި މިފަދަ އަމަލުތަައް ތަކުރާރުކޮށް ކުރާ މީހުންނެވެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރޯޔަލް ރިސޯޓްގައި ބައްދަލުކުރެއްވި ކަމަށް ޖަހާފައިވީ އިރު، އޭނާ އެ ރިސޯޓަށް ވަޑައިނުގަންނަވާތާ ތިން އަހަރު ވެފައިވާ ކަމަށެވެ. އެންމެ ފަހުން ވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު އޮތް ށ. އަތޮޅު ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިއިލެކްޝަންގައި ކޮމަންޑޫ ދާއިރާއަށް ކުރެއްވި ދަތުރުގެ ތެރޭގައި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"މިއާޓިކަލްގައި ބަޔާންކޮށްފައިވާ މުހައްމަދު ޝިހާބުވެސް އަދި މިހާރުގެ އުއްތަމަ ފަނޑިޔާރުވެސް ރޯޔަލް އައިލަންޑް ރިސޯޓަށް 2024 އަދި ހިނގަމުން މިދާ 2025 ވަނަ އަހަރުގެ މިހިސާބަށް އެ ރިސޯޓަށް އެއްވެސް ބޭނުމަކު ވަޑައިގެންފައެއް ނުވެއެވެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް އެއްވެސް ހަގީގަތެއް ނެތި ސިޔާސީ ބޭނުމުގައި ވަކި ބަޔަކު އޮންލައިން ނޫސްތަކުގައި ފަތުރާ އަދި ފަތުރަމުން ދާ މިފަދަ ދޮގު ވާހަކަތައް ހުއްޓުވައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފައެވެ.
ގާސިމް އިތުރަށް ވިދާޅުވީ ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ، ހަގީގަތެއް ނެތް ދޮގުވާހަކަ ފަތުރައި ސިޔާސީ މަގުސަދުތައް ހާސިލު ކުރުމުގެ ބޭނުމުގައި މުޖުތަމައު ފަސާދަ ކުރުމަށް އޮތް ލައިސަންސެއް ނޫން ކަމަށާއި މިފަދަ އަމަލުތައް ތަކުރާރު ކުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅިގެން ނޫނީ މިފަދަ ކަންކަން ހުއްޓުމަކަށް ނާންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު