ޕޯސްޓު މެދުވެރިކޮށް އެތެރެކުރި ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ މިމަހުގެ ހަތަރުވަނަ ދުވަހު ޕޯސްޓުވެރިކޮށް ރާއްޖެ އެތެރެކުރި 10،170 ގުރާމުގެ ކެނެބިސް އަތުލައިގަނެފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭގޮތުން ކަސްޓަމްސް އިން މިހާތަނަށް އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. އަދި އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ވެސް ސާފެއް ނުވެއެވެ.

ރާއްޖެއަށް ޕޯސްޓު މެދުވެރިކޮށް މީގެ ކުރިން ވެސް އެކި ފަހަރުމަތިން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވެއެވެ. އޭގެ ތެރެއިން މިދިޔަ ޑިސެމްބަރު ހަތްވަނަ ދުވަހު ޕޯސްޓުން ގެނައި މަސްތުވާތަކެތި ބަލައިދިޔަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ބަރުދަނަކީ 980 ގްރާމު ކަމަށް ފުލުހުން ބުނެފައިވެއެވެ.