އައްޑޫ ހުޅުމީދޫއާއި ހުޅުދޫ ގުޅުވައިދޭ ބުރިޖުގެ މަސައްކަތަށް ފަންނީ ލާފާ ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އެދުމުގެ މަތިން އައްޑޫ ބުރިޖުގެ މަޝްރޫއުގެ ސާވޭ، ޑިޒައިން، ޓެންޑާ ޑޮކިއުމަންޓް އަދި ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ތައްޔާރުކުރުމުގެ މަސައްކަތަށް ލަފާދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެހެންވެ އެ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިއުލާންކުރާ ކަމަށް ފިނޭންސުން ބުންޏެވެ. އެ މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] ނުވަތަ [email protected] އަށް ފޮނުވުމަށް އެދޭ ކަމަށް ފިނޭންސުން ބުންޏެވެ.
"އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅާއިރު ކުންފުނީގެ ފަންނީ ގާބިލުކަމާއި، ދާއިރާއިން ކޮށްފައިވާ މަަސައްކަތްތަކުގެ އަގާއި ތަފުސީލު ހިމެނޭހެން، މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެ ކަމަށް ފިނޭންސުން ބުންޏެވެ. ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދޭނެ ކަމަށް ފިނޭންސުން ބުންޏެވެ.
އައްޑޫ ބުރިޖުގެ މަސައްކަތަށް ފަންނީ ލާފާ ދޭނެ ބަޔަކު ހޯދަން އިއުލާންކުރި އިރު، އެ ބުރިޖުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް މިދިޔަ އަހަރުގެ މާޗު މަހުގެ ހަވަނަ ދުވަހު ވަނީ ނިންމާލައިފައެވެ.
ހުޅުމީދޫއާއި ހުޅުދޫ ގުޅުވައިދޭ ބުރިޖުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ ހެދުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ ދަ އަރަބް ކޮންޓްރެކްޓާސްއާ އެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ 2024 ފެބްރުއަރީ 19 ވަނަ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު، ހުޅުމީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެ ދުވަހު ވިދާޅުވެފައިވަނީ އައްޑޫ ބުރިޖުގެ ދިގު މިނުގައި 14 ކިލޯމީޓަރު ހުންނާނެ ކަމަށެވެ.
ރައީސް އޮފީހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެފައިވަނީ އަރަބް ކޮންޓްރެކްޓާސް އިން ބުރިޖުގެ ސާވޭގެ މަސައްކަތް ހިލޭ ކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
އަރަބް ކޮންޓްރެކްޓާސް އިން އެ މަސައްކަތް ހިލޭކޮށްދިން ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެ އަހަރަށް ފާސްކުރި ބަޖެޓުގައި ވަނީ އައްޑޫ ބުރިޖުގެ ސާވޭގެ މަސައްކަތަށް 30 މިލިއަން ރުފިޔާ ހިމަނައިފައެވެ.
ހުޅުމީދޫއާއި ހުޅުދޫއާ ދޭތެރޭގައި ބުރިޖެއް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނު ވެސް މީގެ ކުރިން ވިދާޅުވެފައިވަނީ އެ ބުރިޖުގެ މަސައްކަތަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެގޮތުން ދަ އަރަބް ކޮންޓްރެކްޓާސް ކުންފުނިން ވަނީ އެ ބުރިޖުގެ ފީސިބިލިޓީ ހެދުމުގެ މަސައްކަތް ހިލޭ ކޮށްދޭނެ ކަމަށް ސަރުކާރަށް އަންގާފައި ކަމަށެވެ.
އެ ބުރިޖުގެ މަޝްރޫއަށް ބޭނުންވާ މަސައްކަތް ހަފުތާ 14ގެ ތެރޭގައި ވެސް ރައީސް މުއިއްޒު ވަނީ ހިމަނުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު