އާރުޓީއެލް ފެރީ ނެޓްވޯކުގެ ދަށުން އިމާރާތްކޮށްފައިވާ ފެރީ ސްޓޮޕްތައް ސިޓީސް، ލޯކަލް ގަވަމަންޓް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
ވިލާ ކޮލެޖުގެ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާއެވެ. ޓްރާސްޕޯޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މަރިޔަމް ޝަހާނާ މުހައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު އަލީ ވާފިރެވެ.
އެ އެއްބަސްވުމާ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު މުހައްމަދު އަމީނެވެ.
އެ މަޝްރޫއުއަކީ އާންމު ދަތުރުފަތުރު ކުރުމުގައި މިހާރު ހުރި ދަތިކަން ނައްތާލައި، ލާމަރުކަޒީ ތަރައްގީއާއި ސަރަހައްދީ ތަރައްގީއަށް މަގުފަހިކުރުމަށް ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިއަދުގެ ރަސްމިއްޔާތުގައި 21 ފެރީ ސްޓޮޕް، ލޯކަލް ގަވަމަންޓް މިނިސްޓްރީ މެދުވެރިކޮށް ރަށު ކައުންސިލުތަކާ ހަވާލުކުރިއެވެ.
އެ ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، ލާމަރުކަޒީ ދުވަހުގައި އެދަފަ މުހިންމު ނިންމުމެއް ނިންމުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި މިއަދު ސޮއިކުރެވިގެންދިޔައީ ހއ. ހދ. އަދި ށ. އަތޮޅުގައި މިހާތަނަށް ތައްޔާރުކޮށްފައި ހުރި ހުރިހާ ސްޓޮޕްތައް ކަމަށެވެ.
"މިފަދަ ބަދަލެއް ގަނައުމުން ގަބޫލުކުރަން ޖެހޭ އެއް ހަގީގަތަކީ މިފަދަ ފެރީ ޓާމިނަލް ސްޓޮޕްތަކެއް ހެދިފައި އޮތް މަގުސަދާ އެއްގޮތަށް ކައުންސިލުތަކުން ރައްޔިތުންނަށް ދެއްވާނެކަން ވަރަށް ޔަގީންކުރަން. މިހާރު ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ އާރުޓީއެލްގެ ހިދުމަތް ރޯލްއައުޓް ޕްލޭން އަވަސްކޮށްގެން މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެއަށް އެ ހިދުމަތް ފުޅާކުރުން،" އަމީން ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ ގޮތަށް މިއަހަރުގެ ޖޫން މަހު ރ. އަދި ބ. އަތޮޅުގެ ފެރީގެ ހިދުމަތްވެސް ފެށޭނެ ކަމަށާއި މަސައްކަތްކުރަނީ ރާއްޖޭގައި މިހާރު އާރުޓީއެލް ފެރީގެ ހިދުމަތް ނުފެށި ހުރި އަތޮޅުތަކުގައިވެސް އެ ހިދުމަތް ފެށުމަށް ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
އާރުޓީއެލުން މިހާރު ކުރިއަށްގެންދާ ފެރީ ހިދުމަތްތައް ދާއިމީ ގޮތަކަށް ކުރިއަށްގެންދަން ބަދަލުތަކެއް ގެނައުން މުހިން ކަމަށް ވިދާޅުވެ، އަމީން ވިދާޅުވީ އެ ބަދަލު ގެނައި ނަމަވެސް މިހާރު ހުރި އަގުތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލުތަކުން އިޖުރާއަތްތައް ފުރިހަމަކުރުމުން އެޓާނީ ޖެނެރަލް އޮފީހުގެ ބަސް ހޯދައިގެން އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެ ކަމަށާއި އެ މަރުހަލާ ފުރިހަމަކުރުމަށްޓަކައި ނަގާ މުއްދަތާ އެކީގައި ގިނަވެގެން ތިން މަސްދުވަހުގެ ތެރޭގައި އެ ތަންތަން ކައުންސިލުތަކާ ހަވާލުކުރައްވާނެ ކަމަށެވެ.
އެމްޓީސީސީ ކުރިއެރުމުގެ ފަހަތުގައި އެ ކުންފުނީގެ ކުރީގެ ހިންގުންތެރިންނާއި މިހާރުގެ ހިންގުންތެރިންގެ ދައުރު ވަރަށް ބޮޑު ކަމަށާއި އެކަމަށްޓަކައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
އެ މަޝްރޫއުގެ އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ފެރީގެ ނިޒާމުން ގުޅާލުމެވެ. މިހާރު އާރުޓީއެލްގެ ހިދުމަތް ރާއްޖޭގެ ނުވަ އަތޮޅެއްގެ މީހުން ދިރިއުޅޭ 81 ރަށަކާއި އެއާޕޯޓުތައް ހިންގާ ތިން ރަށެއްގައި އަންނަނީ ދެމުންނެވެ. އެ މަޝްރޫއުގެ ތެރެއިން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެރީ ޓާމިނަލެއް ހެދުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
އެގޮތުން ތިން ގިންތިއަކަށް ބަހާލައިގެން ރީޖަނަލް ފެރީ ޓާމިނަލާއި ކަނެކްޓިން ޓާމިނަލް އަދި ފެރީ ސްޓޮޕްތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ދިނުމަކީ، ޑިޒައިން ބިލްޑްގެ އުސޫލުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހިދުމަތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު