ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް ވަގުތު ނަގަނީ، އެ މަރަކީ އާދައިގެ މަރެއް ކަމަށް ގަބޫލުނުކުރެވޭތީ، އެކަންކަން ބެލުމަށް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ސީޕީ ޝުޖާއު މިރޭ ވަނީ ހޮޅުދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް އަޑުއައްސަވައިފައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ އެ ތަހުގީގަށް މިހާރު ގިނަ ދުވަސްތަކެއް ވެފައިވާކަން ގަބޫލުކުރައްވާ ކަމަށާއި ތަހުގީގުގައި ފުލުހުން ވަކިގޮތެއް ހަދައި، ވަކިގޮތެއް ނިންމާ ނަމަ، މިހާ ދުވަހެއް ނުނަގާނެ ކަމަށެވެ.
"އެހެންނަމަވެސް މީގައި ދުވަސް ވެސް މި ނަގަނީ އަޅުގަނޑުމެން މިކަމުގައި ހުރި ހައްސާސްކަމާއި، އަދި ތި ދެންނެވި ގޮތަށް ހުދު އަޅުގަނޑުމެންނަށް ވެސް މި މަރުވެފައި އޮތް ގޮތް އެއީ އާދައިގެ ގޮތަކަށް މަރުވެފައި އޮތް ކަމަށް ގަބޫލުނުކުރެވޭތީވެ، އޭގެ ހަގީގަތް ހޯދުމަށްޓަކައި ކުރާ މަސައްކަތް، އެ މަސައްކަތުގައި މި ވަގުތު ނަގަނީ. އެހެންވީމާ އަޅުގަނޑުމެން މި މަސައްކަތް ނިންމާފައި، އަޅުގަނޑުމެންނަށް ފެންނަ އެއްޗެއް އަޅުގަނޑުމެން ހާމަކުރާނަން،" ސީޕީ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ރާއްޖެއިން ބޭރުގެ ދެ ފަރާތަކާ މަޝްވަރާކޮށް، އެ ފަރާތްތަކުގެ ރައުޔު ހޯދާފައިވާނެ ކަމަށާއި އެހެނިހެން ތަޖުރިބާކާރު ފަރާތްތަކާއެކު ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތް ނަމަ، ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް ސީޕީ ދެއްވިއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް މިމަހު ވަނީ ބަލަން ފަށައިފައެވެ. އެންއައިސީން ބަލަމުން އަންނަނީ، ތަހުގީގުކުރުމުގައި ފުލުހުން އިހުމާާލުވެފައިވާ ކަމަށްބުނެ، ފުލުހުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވެމުންދާތީ އެ މައްސަލައެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް ފުލުހުން ދަނީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އެހީތެރިކަން ވެސް ހޯދަމުންނެވެ.
ފުލުހުން މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެއްޖެއްގައި ބުނެފައިވަނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދަމުންދާ ކަމަށެވެ. އެގޮތުން ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން ހޯދައިފައިވާ ހޯދުންތައް، އެމެރިކާގެ އެފްބީއައިއާ ހިއްސާކޮށް، އެހީތެރިކަން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި ފުލުހުންގެ ސީނިއާ ތަހުގީގު ޓީމެއް ޒަކިއްޔާގެ މަރުގެ މައްސަލަ ރިވިއު ކުރުމަށްޓަކައި ހޮޅުދުއަށް ޒިޔާރަތްކޮށް މައްސަލައިގެ ތަހުގީގު މުރާޖައާ ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ޓީމުން ދަނީ މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގު ފުލުހުން އަދިވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޒަހަމްތަކަކާއެކު އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެ ރަށު ނިއުލައިފް ގެއިންނެވެ. ޒަކިއްޔާ މަރުވެފައި އޮތް ތަނުން ވަޅިއެއް ވެސް ވަނީ ފެނިފައެވެ. ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޒަކިއްޔާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށާއި އެ މަރުގައި އިތުރު މީހެއްގެ ބައިވެރިވުމެއްވާ ކަމަށް ނުބެލެވޭ ކަމަށެވެ.
ނަމަވެސް ޒަކިއްޔާގެ މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރި ކަމަށްބުނެ ހޮޅުދޫގެ ރައްޔިތުން އިހުތިޖާޖުކުރި ފަހުން، ފުލުހުން މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވެފައިވަނީ، ޒަކިއްޔާގެ ކަރުގައި ފަސް ޒަހަމެއް ހުރި ކަމަށާއި އޭގެ ތެރޭގައި ފުން ޒަހަމްތައްވެސް ހިމެނޭ ކަމަށެވެ.
އެގޮތުން ކަރުގެ ވާތް ފަރާތުގައި ފުން ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުން ދެ ޒަހަމެއް ހުރި އިރު، ކަރުގެ މެދާ ހަމައިގައި ތިލަކޮށް ހުރި ޒަހަމެއް ވެސް ހުރި ކަމަށާއި އެ ނޫން ޒަހަމެއް ހަށިގަނޑުގައި ނެތް ކަމަށް ސާމިހު ވިދާޅުވެފައިވެއެވެ.
ސާމިހު ވިދާޅުވެފައިވަނީ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު ތަނުގައި އޮތް ވަޅިއަކީ، އޭނާ ދިރިއުޅޭ ގޭގައި ގެންގުޅޭ ވަޅިއެއް ކަމަށާއި އޭގައި ހުރި ލެޔަކީ ޒަކިއްޔާގެ ލޭ ކަމަށެވެ.
"ވަޅީގެ ފިންގާ ޕްރިންޓުގެ ނަތީޖާ އަދި ނުލިބޭ. ނަމަވެސް އޭގައި ހުރީިި ޒަކިއްޔާގެ ލޭ،" ސާމިހު ވިދާޅުވެފައިވެއެވެ.
ސާމިހު ވިދާޅުވެފައިވަނީ، ސީސީޓީވީ ފޫޓޭޖުންނާއި ތަހުގީގަށް މިހާރު ލިބިފައި ހުރި ބަޔާންތަކުން ޒަކިއްޔާގެ މަރުގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް ތަހުގީގު ދަނީ އަދިވެސް ކުރިއަށް ކަމަށެވެ.
ސާމިހު ވިދާޅުވެފައިވަނީ ޒަކިއްޔާ މަރުވީ ކަރަށް ލިބިފައި ހުރި ޒަހަމްތަކުން ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ޒަކިއްޔާގެ ކަރުގެ ނާރެއް ވަނީ ބުރިވެފައެވެ. އަދި އޭނާގެ ކަރުގައި ހުރީ ވަޅި އަޅާފައި ހުރިކަމުގެ ނިޝާންތަކެކެވެ.
"ހެސިޓޭޝަން މާކްތައް ހުރި، ވަޅި ކާއްތާފައި ހުރި ކަހަލަގެ ނިޝާންތައް،" ސާމިހު ވިދާޅުވެފައިވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޒަކިއްޔާއަކީ ނަފްސާނީ ބަލި ތަހައްމަލުކުރާ މީހެކެވެ. އެކަން ފުލުހުންވެސް "ވަން" އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު