މަސްވެރިންނާއި ހާއްސަ ފަންނުތަކުގައި މަސައްކަތްކުރާ މީހުންނަށް ވެސް ރަމަޟާން މަހުގެ އިނާޔަތް ދެއްވަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މީދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ވައުދުވެވަޑައިގެންނެވި ގޮތަށް ރައްޔިތުންގެ މަޖިލިސް ތެރެއިން ގާނޫނަށް ބަދަލު ގެނެސް، މިހާރު ޑަބްލިޔުޑީސީގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ޖަމާވަމުން އަންނަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދުވަސްތަކުގައި އެހެން ފަންނުތަކުގައި ތިއްބެވި ބޭފުޅުންނަށް ވެސް، މިސާލަކަށް ގާނޫނީގޮތުން ކަންކަން ފަހިކޮށްގެން ކުރިއަށްއޮތް ތަނުގައި މަސްވެރިންނަށް ވެސް އަޅުގަނޑު ބޭނުންވަނީ ރޯދަ އިނާޔަތް ލިބޭ ގޮތް ހަދަން. ހަމަ އެގޮތަށް ދެން ހުރި ފަންނުތައް ވެސް. އެކަން ކުރުމުގައި އެބަހުރި ބައިވަރު މަރުހަލާތައް ކުރިއަށްގެންދަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު އިއުލާންކޮށްފައިވާ މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތަކީ އެކަމުގެ ފުރަތަމަ ފިޔަވަޅު ކަމަށާއި މިއޮތްހާ ދުވަހު ގަވާއިދުން އާމްދަނީ ލިބޭ ބައެއްކަން ބޭންކިން ނިޒާމު ނުދަނެ އޮތް ކަމަށެވެ. އަދި އެކަމުގެ އުސޫލު ގެޒެޓުކޮށްގެން ގާނޫނީގޮތުން ބަލައިގަންނަ ދަފްތަރެއް އުފެއްދެވީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ ދަފްތަރުގައި ޖެހޭ ފަރާތްތަކަށް ކުރިއަށްއޮތް ދުވަސްތަކުގައި ބޭންކިން ނިޒާމުގެ ތެރެއިން ލޯނު ނެގުމާއި އެސްޓީއޯގެ ކްރެޑިޓް ސްކީމުން ފައިސާ ނޫނީ އެހީތެރިކަން ހޯދުމާއި، މިކަންކަން ފަހިވެގެންދާނެ މިއަހަރުގެ ތެރޭގައި. ކުރިއަށްއޮތް ދުވަސްތަކުގައި މަރުހަލާތަކުގެ ތެރެއިން ގޮސް، އަޅުގަނޑު އުންމީދުކުރަނީ، އަޅުގަނޑު ދެކެން ބޭނުންވަނީ އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ ރޯދަ އިނާޔަތް ވެސް ލިބޭ ބަޔަކަށް އަޅުގަނޑުމެންނަށް ހަމަޖެއްސޭނެ ކަމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މަސްވެރިންނެކޭ އެއްގޮތަށް އެކި ކަހަލަ ހާއްސަ ދާއިރާތަކުގައި މަސައްކަތްކުރާ މަސައްކަތްތެރީންނަށް ވެސް ރޯދަ އިނާޔަތް ހަމަޖައްސައިދެއްވަން ބޭނުންފުޅުވާ ކަމަށާއި ނިޒާމުގެ ތެރެއިން މަސައްކަތެއް ކުރާ މީހަކަށް ވިއްޔާ، ދިވެއްސެއް ވިއްޔާ އަދި މުސްލިމެއް ވިއްޔާ ރޯދަ އިނާޔަތް ދޭން ޖެހޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.