ހައުސިން މަޝްރޫއު ހިންގަން ނިންމާފައިވާ ހުރިހާ ރަށެއްގައި އަމިއްލަ ގޯތީގައި ގެ ހަދަން ބޭނުންވާ މީހުންނަށް، ހައުސިން މަޝްރޫއުގެ ތެރެއިން ގެ ހަދައިދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓް ހަދައިދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ދ. ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އެ ރަށުގައި ހަދާ ހައުސިން ޔުނިޓްތަކުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ ހަދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.
އެ ދަތުރުފުޅުގެ ތެރެއިން ދ. މީދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިރޭ ވަނީ އެ ރަށުގައި ހިންގަން ނިންމާފައިވާ 200 ފްލެޓް މަޝްރޫއުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ ހަދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ފުރުސަތު ފްލެޓް މަޝްރޫއު ހިންގަން ނިންމާފައިވާ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ހުޅުވާލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހައުސިން ޕްރޮޖެކްޓް އަޅަން އިއުލާން ކުރި ކޮންމެ ރަށެއްގެ ކައުންސިލަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކުރިއަށް އޮތް މަސް ތެރޭގައި، ރަމަޟާން މަސް ނިމުމުގެ ކުރީގައި އެ ރަށެއްގެ ރައްޔިތުންގެ ތެރެއިން އަމިއްލަ ގޯތީގައި މީގެން ހައުސިން ޔުނިޓެއް އަޅަން ބޭނުންވާ ފަރާތްތައް ކަނޑައަޅައި ދެއްވާށޭ. ކަނޑައަޅުއްވާފައި އެ މައުލޫމާތު މިނިސްޓްރީއަށް ފޮނުއްވައިދެއްވާށޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ހައުސިން މަޝްރޫއުގެ ތެރެއިން ފްލެޓް ހަދާނީ އަމިއްލަ ގޯތީގައި ގެ ހަދަން ބޭނުންވާ މީހުން ބެލުމަށްފަހު އެކަމަށް ވަކި އަދަދެއް ކަނޑައަޅާފައި ބާކީވާ ބައެވެ. އެ މަޝްރޫއުގެ ތެރެއިން ހަދަން ނިންމާފައިވަނީ ތިން ކޮޓަރީގެ ޔުނިޓްތަކެއް ކަމުން، އަމިއްލަ ގޯތީގައިވެސް ސަރުކާރުން ހަދައިދޭނީ ތިން ކޮޓަރީގެ ގެއެއް ކަމަށްވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު