ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. މީދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.

އެ ހިދުމަތް އިފުތިތާހު ކޮށްދެއްވީ އެ ރަށުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭންކިން ހިދުމަތް ފަސޭހަ ކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށް ދިނުމަށާއި މުޖުތަމައަށް މާލީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މީދޫގައި އާ އޭޓީއެމްއެއް ގާއިމުކޮށް، ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފުޅާކުރުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.

"މި އާ އޭޓީއެމްގެ ސަބަބުން މީދޫގެ ރައްޔިތުންނަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ޒަރޫރީ ބޭންކިން މުއާމަލާތްތައް ރަށުން ކުރެވޭނެ. މީގެ ސަބަބުން މި ރަށު ރައްޔިތުންގެ އަގުހުރި ވަގުތާއި ވަސީލަތްތައް ސަލާމަތް ކުރެވޭނެ." ޝަރީފު ވިދާޅުވިއެވެ.