ރައީސް ޑރ. މުހައްމަދު މުއިއްޒު، ދ. މާއެނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ހިދުމަތް މިއަދު ފަށްޓަވައިދެއްވައިފިއެވެ.

ރައީސް މިހާރު ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ މާއެނބުދުއަށް ވަޑައިގެން، އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފައެވެ.

އެއަށްފަހު ރައީސް ވަނީ މާއެނބޫދޫގައި އޭޓީއެމްގެ ހިދުމަތް ފަށްޓަވައިދެއްވައިފައެވެ. ރައީސް ވަނީ އޭޓީއެމްގެ ހިދުމަތް ފަށްޓަވައިދެއްވުމުގެ ގޮތުން އޭޓީއެމުން ފައިސާ ނަންގަވައިފައެވެ. ރައީސް ނަންގަވާފައިވަނީ 500 ރުފިޔާއެވެ.

އެ ފައިސާ ނަންގަވަން އަދި އޭޓީއެމްގެ ހިދުމަތް ފަށްޓަވައިދެއްވަން ބޭނުންފުޅު ކުރެއްވި ބީއެމްއެލްގެ ކާޑު ރައީސް ވަނީ މާއެނބޫދޫ ކައުންސިލާ ހަވާލުކޮށްދެއްވައިފައެވެ. އެ ކާޑާ މާއެނބޫދޫ ކައުންސިލުގެ ފަރާތުން ހަވާލުވެވަވަޑައިގެންނެވީ އެ ރަށު ކައުންސިލް ރައީސް ޔޫސުފް ސައީދެވެ.

މާއެނބޫދޫގައި އޭޓީއެމްގެ ހިދުމަތް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އޭޓީއެމްގެ ހިދުމަތް މާއެނބޫދޫގައި ފެށިގެން ދިޔުމުގެ ސަބަބުން ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފަސޭހަކަމާއި ފައިސާ ފޮނުވުމުގެ ހިދުމަތް ރަށުން، ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ކުޑަހުވަދޫގައި ހުޅުވާފައިވާ ބީއެމްއެލް ބްރާންޗުގެ މުވައްޒަފުން މާއެނބޫދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ވެސް ފޯރުކޮށްދެމުންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

"މިއީ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ދިވެހި ރައްޔިތުންނަށް ބޭންކިން ހިދުމަތް ގާތުން ފަސޭހައިން ލުއިކޮށް ދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތް އަޅުގަނޑު ފާހަގަކުރަން. މި މަސައްކަތް ކުރިއަށް ގެންދަން މާއެނބޫދޫ ކައުންސިލާއި އިގްތިސޯދީ ވުޒާރާ އާއި އަދި އިދާރީ ދައިރާތައް ހިންގުމަށް ބޭހޭ ވުޒާރައިން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަންވަން" ޝަރީފް ވިދާޅުވިއެވެ.

ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓީއެމްގެ ހިދުމަތް ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ބައެއް ރަށްރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓައިދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައިވެއެވެ. އެގޮތުން މިހާރު ވެސް ވަނީ ގިނަ ރަށްރަށުގައި އޭޓީއެމްގެ ބަހައްޓަން ހަވާލުކޮށްފައެވެ.